ތިމާވެށި

ތިމާވެށި ހިމާޔަތްކުރުމަށް ސިއްޚީގޮތުން ރައްކާތެެރިވުން މުހިއްމު


ތިމާވެށި ހިމާޔަތްކުރުމުގައި ސިއްޙީގޮތުން ރައްކާތެރި، އުސޫލުތަކެއް ނުވަތަ ނިޒާމުތަކެއް ތަޢާރަފުކުރުން މުހިއްމުކަމުގައި ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ އޭޝިޔާ އަދި ޕްސިފިކް ސަރަހައްދުގެ 6 ވަނަ ތްރީއާރް ފޯރަމްގައި ކޮންސްޓްރަކްޝަން ދާއިރާގައި އުފެދޭ ކުނިތައް ރައްކާތެރިގޮތުގައި ނައްތާލުމުގެ އުސޫލުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ތިމާވެށީގެ ނާޒުކުކަމާއި އެއްވަރަށް ސިއްހިގޮތުންވެސް ކުނި ނައްތާލުމުގައި ރައްކާތެރި އުސޫލުތަކެއް ތަޢާރަފުކުރުން މުހިއްމުކަމަށެވެ. މި ސެންޝަނަކީ ކޮންސްޓްރަކްޝަން ދާއިރާއާއި ގުޅުންހުރި ސެޝަނެއްކަމުން، އެކަމަނާ ވަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ކުނި ނައްތާލުމުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާއިން އުފެދޭ ކުނިން ސިއްޙީ ގޮތުން ކުރިމަތިވާ މައްސަލަތައް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. ޚާއްސަގޮތެއްގައި ރާއްޖޭގައި ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމާއި ދިމާކޮށް ޑެންގީހުން ރިޕޯޓްކުރާ ނިސްބަތް އިތުރުވުމުގައިވެސް ކޮންސްޓްރަކްޝަން ސައިޓްތަކާއި އެހެނިހެން ތަންތަނުން އުފެދޭ ކުނި އިސް ދައުރެއް އަދާކުރާކަމަށާއި، މިކަންކަމަށް ހައްލުކުރުމަށް ހަރުދަނާ ކުނި ނައްތާލުމުގެ ނިޒާމެއް އޮތުން މުހިއްމުކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން މިއަދު ކުރިއަށްދިޔަ ސެޝަންތަކުގެ ތެރެއިން ފާހަގަކޮށްލެވުނު އެއް ސެޝަނަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް، ސިޑްސް ނުވަތަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކުރި އެރުމުގައި ތްރީއާރުގެ އުސޫލްތައް ކުޅޭ މުހިންމު ދައުރާއި މެދު މަޝްވަރާކުރުމަށް ބޭއްވުނު ހާޢްސަ ސެޝަނެވެ. މި ސެޝަންގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއެވެ. މި ސެޝަންގައި ތަރައްގީވަމުން އަންނަ ކުދި ޤައުމުތަކަށް ތްރީއާރު އުސޫލުތައް ގައިމްކޮށްގެން ލިބޭނެ ފައިދާތަކާއި، ކުރި އެރުންތަކުގެ މައްޗަށް އަލިއަޅުވާލައި، ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ތިމާވެށީގެ ރޮނގުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާއި، ތްރީއާރްގެ އުސޫލުތައް ތަންފީޒުކުރުމަށް ދެވިދާނެ އެއްބާރުލުންތަކާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.