ޚަބަރު

ބޭރުގައިތިބި މީހުންގެ ކަންކަމަށް 7.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: ފޮރިން މިނިސްޓަރ ޝާހިދު


ރާއްޖެއިން ބޭރުގައި ތިބި އެކި ފަރާތްތައް ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އަދި އެފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޓިކެޓު ހަމަޖެއްސުމަށް މިހާތަނަށް 7.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ޙާލުގައި ޖެހުނަނުދިނުމަށް ރައިސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން އުސޫލުތަކެއް އެކުލަވާލައި ރާއްޖެއަށް އަންނަން ބޭނުންވާ ހުރިހާ ދިވެހިން ގެނައުމުގެ މަސައްކަތްކުރައްވާފައި ވާކަމަށެވެ. މީގެއިތުރުން އެކި ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ވައިގެ ދަތުރުތައް ހުއްޓާލުމާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ބޭނުންވާ މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެކި ޤައުމުތަކާއި ގުޅިގެން ކުރިއަށްގެންގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި މީހުން ގެނައުމަށާއި އެފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 7.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. ފޮރިންގ މިނިސްޓަރ ވިދާޅުވީ ފައިސާގެ ކަންކަމަށްވުމާއެކު ޚަރަދުތައް ކުރާ ގޮތް އޮޑިޓްކުރެވި ބެލެހެއްޓެމުންދާކަމަށެވެ.

"އަޅުގަނޑުމެން މިހާރުވެސް މިދަނީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނާއި އެނޫން ބޭނުންތަކުގައި ތިއްބެވި ފަރާތްތަކުގެ ޙާލު ބަލަމުން. އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތަކަށް މިދަނީ އެހީތެރިކަން ފޯރުކޮށްދެމުން. ރާއްޖެއިން ބޭރުގައި ތިބި މީހުން ގެނައުމަށާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް ސަރުކާރުން 7.3 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައި. މީގެތެރޭގައި ޒަކާތު ފަންޑުން ޚަރަދުކުރި 3 މިލިއަން ރުފިޔާވެސް ހިމެނޭ." ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅުވިއެވެ.

ކޯވިޑް-19އާއި ގުޅިގެން ބޭރުގައި ތިބި ދިވެހިންގެނައުމަށް ރާއްޖެއިން އިސްނަގައި ކުރި މަސައްކަތްތަކާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ހާލުގައި ޖެހުނަ ނުދިނުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއީ ދަތި ދުވަސްވަރެއް މުޅި ދުނިޔެއަށް ކުރިމަތިވެފައި އޮތް ދުވަސްވަރެއްކަމަށެވެ. އެހެންކަމުން އެހީތެރިކަމަށް އެދޭ ބައެއް ފަރާތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވިނަމަވެސް އެއީ ޙާލަތު އޮތްގޮތުން ކަންކަން ދިމާވި ގޮތްތަކުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19ގެ މިހާރުގެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން މިހާތަނަށް 963.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. ސަރުކާރުން ގެންދަވަނީ މިޙާލަތުން އަރައިގަތުމަށް ބޮޑު ހޭދައެއް ކުރައްވަމުންނެވެ.