ޚަބަރު

ދ. ހުޅުދެލި ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި


ދ.ހުޅުދެލި ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ.

އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް އީއައިއޭގެ މަސައްކަތް ނިންމައި ބަނދަރުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ހުއްދަ އީޕީއޭއިން ދީފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 30ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރުމަށް އެރަށު ފަޅުން ސާޅީސް ހާސް ފަސްސަތޭކައަށްޑިހަ ފަސް ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެދަށުން އެރަށުގައި 432 މީޓަރުގެ ބަނދަރެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި 277 މީޓަރުގެ ބޭރު ތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެދަށުން ބަނދަރު ސަރަޙައްދުގެ ގޮންޑުދޮށް ޙިމާޔަތްކުރުމަށް 60 މީޓަރުގެ ގްރޮއީންސް ޖެހުމަށާއި 60 މީޓަރުގެ ރިވެޓްމަންޓް ޖެހުންމަށްވެސް ވަނީ ހިމަނާފައެވެ.

އަދި ބަނދަރުގައި ޕޭވްމަންޓް ހެދުމާއި އަދި ބަނދަރުގައި ލައީޓްޖެހުންވެސް މިމަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި ޕްރޮޖެކްޓް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 10 ޑިސެމްބަރ 2019ގައެވެ. 1އަހަރު ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އަގަކީ 39.8މިލިއަން ރުފިޔާއެވެ.