ޚަބަރު

ބަނދަރާއި މާރުކޭޓް ސަރަޙައްދުގައި ގައިދުރުކަމެއް ނެތް!


މާލޭ މާރުކޭޓާއި ބަނދަރު ސަރަޙައްދަކީ ކޯވިޑް19 ބަލި މާލޭގައި ފެތުރުނު ހިސާބުން އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު އެއް ސަރަޙައްދެވެ.

އަބަދުވެސް ހަލަބޮލި ބާޒާރު ސަރަޙައްދު، ލޮކްޑައުން ލުއިތަކާއިއެކު އަނެއްކާވެސް ފެންނަނީ ކުރިއެކޭ އެއްކޭގޮތަށް ބައިބޯ ސަރަޙައްދެއްގެ ގޮތުގައެވެ.

މާރުކޭޓާއި މާލެ ބަނދަރު ސަރަޙައްދަކީ މުޅި މާލޭ ސަރަޙައްދުގައިވެސް އެންމެ ކާރޫބާރު ބޮޑު ސަރަޙައްދެވެ. އަދި ފުރަބަންދުގެ ލުއިތަކާއިއެކު މިހާރުވެސް އެންމެ ބާރު ބޮޑު ސަރަޙައްދަކީ އެއީއެވެ. ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް މާރުކޭޓާއި މާލެ ބަނދަރު ސަރަޙައްދު ފެންނަނީ ދުއްވާ އުޅަނދުތަކާއި، މަސްދޯނިތަކާއި އަދި ރަށްރަށަށް ފޮނުވުމަށް ދޯނިދޯންޏަށް މުދާ އަރުވާ މީހުންނާއެކު ވަރަށް ހަލަބޮލިކޮށެވެ.

ކޯވިޑް 19ބަލި ފުރަތަމަ މާލޭގައި ފެތުރިގެންއައިއިރު އެއްމެ ގިނަ މީހުންނަށް އެއް ސަރަޙައްދަކުން ބަލި ޖެހުނު ސަރަޙައްދަކީ މާލެ މާރުކޭޓާއި ބަނދަރު ސަރަޙައްދެވެ.

މިކަމުގެ ސަބަބުން ދިގުމުއްދަތެއް ވަންދެން އެ ސަރަޙައްދުގެ ފިހާރަކާއި، އެސަރަޙައްދުގައި ހިންގާ އެހެން ވިޔަފާރިތައްވެސް އެތަށް ދުވަހެއްވަންދެން ބަންދުކުރިއެވެ. އަދި ފަހުން ފުރަބަންދާއި ގުޅިގެން މާރުކޭޓުތައް ބަންދުކުރުމާއި، މާލޭ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކުން މާލެއަށް މީހުން ފައިބާ އުޅުންވެސް މުޅިން މަނާކުރިއެވެ.

ފުރަބަންދުގެ ލުއިތަކާއިއެކު އަނެއްކާވެސް އެ ސަރަޙައްދުވަނީ އާއްމު ޙާލަތަށް ރުޖޫއަވާން ފަށާފައެވެ. މާސްމާރުކޭޓުގެ އެތެރެއަށް ނުވަދެވުނަސް އެ ސަރަޙައްދުގައި ފަސޭހައިން މަސް ވިއްކައި ގަނެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

އަދި ރަށްރަށަށް މުދާ ފޮނުވުމާއި، މާލެއަށް ފަސޭހައިން މުދާ އެތެރެކުރެވޭގޮތަށް ދިން ލުއިތަކާއިއެކު އަނެއްކާވެސް އެ ސަރަޙައްދު ފެންނަނީ މީހުން ތޮއްޖެހި ބާރުބޮޑުވެފައިވާ ތަނެއްގެ ގޮތުގައެވެ. މިއާއިއެކު އެޗްޕީއޭގެ އިރުޝާދުތައް ހަނދާންނެތިފައިވާ މަންޒަރުތައް ދަނީ ފެންނަމުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ލުއިތަށް ދީފައި ވަނީ އާއްމު ދިރިއުޅުމުގެ ޚިދުމަތްތަށް ލިބިގަތުމަށާއި، އަދި އާމުދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށް މަގު ފަހިކޮށްދިނުމަށެވެ. ނަމަވެސް މި ލުއިތައް ދިންނަމަވެސް ޢަމަލުކުރަންޖެހޭގޮތުގެ ގައިޑްލައިންތަކެއް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. އެންމެ ލުއި ކަންކަމުގެ ގޮތުން ޚިދުމަތް ހޯދުމުގަޔާއި ޚިދުމަތް ދިނުމުގައި ގައިދުރުކަން އިސްކުރުމާއި، މާސްކު އެޅުން ހިމެނެއެވެ. ނަމަވެސް ހަލަބޮލި މާޙައުލާއިއެކު މާރުކޭޓު ސަރަޙައްދުގައި ގައިދުރުކަމެއް ނުފެނެއެވެ. އަދި އެތައްބަޔަކު މާސްކު ނާޅާ އުޅޭމަންޒަރުތައް ފެންނަމުންނަމުންނެވެ.

ރައްކާތެރިކަމާއި ގުޅޭ މަޢުލޫމާތުތައް ބިދޭސީން މަސައްކަތްތެރިން ގެންގުޅޭ މީހުން، އެމީހުންނަށް ދިނުމަކީވެސް ވަރަށް މުހިންމުކަމެކެވެ. ދޯނިތަކަށްބެލިއަސް އެތަށް ބައެއްގެ ދިރިއުޅުން ބިނާވެފައި އޮތޯ ދޯނިތަކުގެ ތެރޭގައެވެ.

ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ މާލޭ ބަނދަރު ސަރަޙައްދުގެ ރައްކާތެރިކަން އިތުރުކުރުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތަކެއް ކުރަމުންދާކަމަށެވެ. އަދި މިހާރުވެސް މާރުކޭޓްގެ ޚިދުމަތް ހޯދަންދާން ޖެހޭ މީހުން ތިބެންޖެހޭ ދުރުމިނުގެ ނިޝާންތައްވެސް އެ ސަރަޙައްދުގައި ކުރަހާ، އެ އިރުޝާދުތައް އެ ސަރަޙައްދުގައި މަސައްކަތްކުރާ މީހުންނަށް ދެމުންދާކަމަށެވެ.

މާލޭގައި ފުރަތަމަ ބަލި ފެނުނުއިރު މާރުކޭޓް ސަރަޙައްދުން ގިނަ ބަޔަކު ޕޮސިޓިވްވުމުންވެސް އިނގެނީ، އަދިވެސް މި ބަލި އެސަރަޙައްދުން ފެނިއްޖެނަމަ ބަލި ފަސޭހައިން ފެތުރުމުގެ ފުރުސަތު ބޮޑުކަމެވެ. އެޗްޕީއޭގެ އުސޫލުތަކާއި ޚިލާފައި ޢަމަލުތައް ބަހައްޓާނަމަ، މި ބަލި އިތުރަށް ފެތުރިގެން ދިޔުމުގެ ފުރުސަތު އެބައޮތެވެ.

ރައްކާތެރިކަމުގެ ގޮތުން އަންގާ އެންގުންތަކަށް ޢަމަލުކުރުމަކީ، ތިމާއާއިއެކު އެހެންމީހުންގެވެސް ރައްކާތެރިކަމަށް ކުރެވޭނެ މުހިންމު ކަމެކެވެ.