ޚަބަރު

މާލޭގެ މާރުކޭޓްތައް ޖުލައި 1ގައި އާއްމުކޮށް ހުޅުވާލަނީ


އަންނަ މަހުގެ 1ވަނަ ދުވަހުން ފެށިގެން ދަތުރުވެރިންގެ މާކެޓާއި ލޯކަލް މާރުކޭޓް އަދި މަސްވެރިންގެ މާރުކޭޓް އާއްމުކޮށް ޚިދުމަތަށް ހުޅުވާލާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކޯވިޑް19 އާއި ގުޅިގެން މާރުކޭޓްތަކުގެ ޚިދުމަތް ހުއްޓާލާފައި އޮތުމަށްފަހު މިހާރު ވަނީ ލުއިތައްދޭން ފަށާފައެވެ.

މާރުކޭޓްތަކުގެ ޚިދުމަތްތައް އަލުން ހުޅުވާލުމާއި ގުޅޭގޮތުން ޕީއެސްއެމް އާއި ވާހަކަދައްކަވަމުން ސިޓީ ކައުންސިލްގެ މެންބަރު އަޙްމަދު ޒަމީރު ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓް އަދި މަސް މާރުކޭޓް އާއްމުކޮށް ހުޅުވާލުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަށް ސިޓީކައުންސިލުން ވަމުން އަންނަކަމަށެވެ.

ސިޓީ ކައުންސިލުން މިހާރު ވަނީ، މާލޭ މަސްކޭޓަށް އާއްމުންނަށް ގޮސް މަސް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. ނަމަވެސް މިހާރު މަސް ގަންނަނީ މަސް މާރުކޭޓުގެ ބެރުގައި ތިބެގެން އޯޑަރުދީގެންނެވެ. ޒަމީރު ވިދާޅުވީ އަންނަ މަހު އެކަކުން ފަށައިގެން ގެންނަ ބަދަލާއިއެކު މަސް މާރުކޭޓްގެ އެތެރެއަށް ވަދެގެން އާއްމު ރައްޔިތުންނަށް މަސް ގަނެވޭނެކަމަށެވެ.

މިކަމަށް ބޭނުންވާ އިންތިޒާމްތައް މިހާރުދަނީ ހަމަޖައްސަމުންނެވެ. ޒަމީރު ވިދާޅުވީ މަސް މާރުކޭޓްގެ ޚިދުމަތް އާއްމުކޮށް ހުޅުވާލިނަމަވެސް، އެއްފަހަރާ މާރުކޭޓްގެ އެތެރެއަށް ވަދެވޭނީ ވަކި އަދަދެއްގެ މީހުންނަށް ކަމަށެވެ. އަދި ކޮންމެ މީހަކުވެސް މާރުކޭތަށް ވަނުމުގެ ކުރިން ހަށިގަނޑުގެ ފިނިހޫނުމިން ބަލާނެކަމަށް ވިދާޅުވިއެވެ.

މާރުކޭޓްތެރޭގައި މަސް ވިއްކުމުގެ ޚިދުމަތް ދެވޭނީވެސް ދޯނިތަކުން ސިޓީ ކައުންސިލްގެ ހުއްދަ ނަގައިގެންނެވެ.

މާލެ މަސް މާރުކޭޓްގެ ޚިދުމަތުގެ އިތުރުން ދަތުރުވެރިންގެ މަރުކޭޓާއި ލޯކަލް މާރުކޭޓަކީވެސް ގިނަ ބަޔަކު ޚިދުމަތް ހޯދާ ތަނެކެވެ. އަދި ގިނަ ރައްޔިތުންތަކެއް އާމްދަނީ ހޯދުމަށް ކުރަމުން އަންނަ ވިޔަފާރިވެސްމެއެވެ.

117 ގޮޅިއާއި އެކު ދަތުރުވެރިންގެ މާރުކޭޓް އަލުން ތަރައްޤީކޮށް ހުޅުވުމަށް ތައްޔާރުވެފައިވަނިކޮށް، ކޯވިޑްގެ ޙާލަތައި ގުޅިގެން ވަނީ ހުޅުވުން ފަސްކޮށްފައެވެ.

އަދި މިވަގުތު ލޯކަލް މާރުކޭޓްވެސް ވަނީ ސާފުކޮށް، ޑިސްއިންފެކްޓް ކުރުމަށް ބަންދުކޮށްފައެވެ. ޒަމީރު ވިދާޅުވީ ސާފުކޮށް ޑިންއިންފެކްޓްކުރުމަށް މަރުކޭޓް ބަންދުކުރީ، އަންނަ މަހުގެ 1ގައި ހުޅުވާލާއިރު އެތަންތަނަކީ އާއްމުނަށް ރައްކާތެރި ތަނަކަށް ހެދުމަށް ކަމަށެވެ.

އަލުން ތަރައްޤީކުރުމަށްފަހު ދަތުރުވެރިންގެ މާރުކޭޓްގެ ޚިދުމަތް މި ފަށަނީ މުޅިން އަލަށެވެ. ޒަމީރް ވިދާޅުވީ މާރުކޭޓް ލިބުނު މީހުންނާއިއެކު އެގްރިމެންޓް ހެދުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށައެވެ. އަދި ޖުލައި 1ގައި ހުޅުވުމުގެ ކުރިން ވިއްކާ ތަކެތި މާރުކޭޓަށް ވެއްދުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވާލާނެ ކަމަށެވެ.

ދަތުރުުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓަށްވެސް ވިޔަފާރިކުރުމަށް އެއްފަހަރާ ވަދެވޭނީ ކަނޑައަޅާ ވަކި އަދަދެއްގެ މީހުންނަށެވެ. އަދި މާރުކޭޓަށް ވަނުމުގެ ކުރިން ހަށިގަނޑުގެ ފިނިހޫނުމިން ބަލާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.