ވިޔަފާރި

6000 ފްލައިޓް ގެނެވުނަސް ޓާގެޓަށް ވާސިލްވެވޭނެ- ތޮއްޔިބު


ރާއްޖެއަށް 6000 ފްލައިޓް ގެނެވުނަސް މިއަހަރު ކަނޑައެޅި ފަތުރުވެރިކަމުގެ ޓާގެޓަށް ވާސިލްވެވޭނެކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތޮއްޔިބު ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އޭވިއޭޝަން ސިނާއަތަކީ މުހިންމު ދައުރެއް އަދާކުރެވިދާނެ ސިނާއަތެއްކަމަށެވެ. އެގޮތުން ޓްރާންސިޓް ފުލައިޓްތަކުގެ ބަދަލުގައި ޗާޓަރ ފުލައިޓްތައް ގިނަކޮށް ރާއްޖެއަށް އައު އެއަރލައިންތައް ގެނައުމަކީ ފަތުރުވެރިން އިތުރުކުރުމަށް ކުރެވިދާނެކަމެއްކަމަށް ތޮއްޔިބު ފާހަގަކުރެއްވިއެވެ.

ތޮއްޔިބު ވިދާޅުވީ، މިއަހަރު ރާއްޖެއަށް ގެނައުމަށް ކަނޑައެޅި 9 ލައްކަ ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމަށް އަދި އިތުރު 5 ލައްކަ ފަތުރުވެރިން ގެންނަން ޖެހޭކަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖެއަށް 6000 ފްލައިޓް ގެނެވުނަސް މި ޓާގެޓަށް ވާސިލްވެވޭނެކަމުގެ ޔަޤީންކަން ބޮޑުކަން ތޮއްޔިބު ފާހަފަކުރެއްވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި އޭވިއޭޝަން ސެކްޓަރ އަށް ޓޫރިޒަމް ދާއިރާގެ މުހިންމު ރޯލެއް އަދަކުރެވިދާނެ. އޭވިއޭޝަން ސެކްޓަރ މިކަމަށް ތައްޔާރުވެގެން އުޅެފިއްޔާ އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ 5 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަޅުގަނޑުމެންނަށް ގެނެވޭނެއޭ. އެއީ މިދިޔަ އަހަރުގެ ޖުލައިން ފެށިގެން ޑިސެމްބަރ އަށް އައިސްފައިވަނީ ގާތްގަނޑަކަށް 12000 ފްލައިޓް. މިއަހަރުގެ އަދަދުތަކަށް ބަލާއިރު އޭގެ %50 ލިބުނަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ޓާގެޓަށް ހާސިލްކުރެވޭނެ." ތޮއްޔިބު ވިދާޅުވިއެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އަދި މިހާރުވެސް ގިނަ ބައިނަލްއަޤްވާމީ ފްލައިޓްތަކަކުން ރާއްޖެއައުމަށް ތައްޔާރުވެފައިވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ. ކޮންމެ 20 މިނެޓަކުން ފްލައިޓް ޖައްސާ ކްލިއަރަންސް ހެދޭ ވަރަށް އެއަރޕޯޓް މިހާރު ވަނީ ތައްޔާރުވެފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު ރާއްޖޭގެ ރިސޯޓްތައް ހުޅުވާލެވޭނެކަމަށާއި ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ގެސްޓް ހައުސްތައް ހުޅުވާލުމަށް ހުއްދަދިނުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.