ވިޔަފާރި

ބޯޑަރު ހުޅުވާއިރު 50 އިންސައްތަ ރިސޯޓް އޮޕަރޭޓްކުރަން ފަށާނެ


ރާއްޖޭގެ ބޯޑަރު އަންނަ މަހު ހުޅުވާލާއިރު ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓުތަކުގެ ތެރެެއިން ދެބައިކުޅަ އެއްބައި ރިސޯޓް ހުޅުވާނެކަމަށް ބެލެވޭކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެެއްޖެއެވެ.

ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޖުލައިމަހު އަލުން ފަތުރުވެރިކަން ފަށާއިރު، ރާއްޖޭގައި ހިންގާ 150 އެއްހާ ރިސޯޓުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ރިޒޯޓު ހުޅުވާނެކަމަށެވެ.

"އަޅުގަނޑުމެން ބޯޑަރު ހުޅުވާ ތާރީހު އިއުލާންކުރުމުގެ ކުރިން މިނިސްޓްރީއިން ސާކިއުލަރއެއް ނެރުނިން. އޭރު ބޯޑަރު ހުޅުވާ ޑޭޓް ކަށަވަރު ނުވާއިރުވެސް 41 ރިޒޯޓަކުން ޖުލައިގައި ހުޅުވާނެކަމުގެ ޔަޤީންކަން މިނިސްޓްރީއަށް ދީފައިވޭ. އެެހެންނަމަވެސް ޑޭޓް ލިބުމާއިއެކު އަލުން ރިޒޯޓު ހުޅުވާނެ ތާރީހު ނންމާނެކަމަށް އިތުރު 30 ރިޒޯޓުން މައުލޫމާތު ދިން. އަނެއްކާވެސް މިހާރު ސާކިއުލަރއެއް ނެރިފައިވާނީ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި އަލުން ރިވައިޒް ޑޭޓް ރިޒޯޓުތަކުން ފޮނުވަން އެދިފައިވާނީ. އަޅުގަނޑުމެންނަށް ދަންނަވަން ކެރިދާނެ، ޖުލައިމަސް ތެރޭގައި ދެބައިކޮޅު އެއްބަޔެއްހާ ރިޒޯޓު ހުޅުވަނެކަމަށް." އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޖުލައި މަހު ހުޅުވާނެކަމަށް ޔަޤީންކަން ދީފައިވާ ރިޒޯޓުތަކުގެ އިތުރުން އޯގަސްޓް، ސެޕްޓެމްބަރު އަދި އޮކްޓޫބަރުގައިވެސް ބައެއް ރިޒޯޓުތައް ހުޅުވަން ތައްޔާރު ވަމުންދާކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާރޗް މަހުގެ 27 ގައެވެ. ކޯވިޑް-19ގެ ހާލަތު ކޮންޓްރޯލްކޮށް، ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވުމަށް ތައްޔާރުވަމުންދާއިރު އަހަރުގެ ފަހުކޮޅު ފަތުރުވެރިކަން ބޮޑުތަނުން ރަނގަޅުވާނެކަމަށް އުއްމީދުކުރާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިގޮތުން އަލުން ހުޅުވާލުމުން ބައެއް ރިޒޯޓުތަކުން 30 އިންސައްތަަ އޮކިއުޕަންސީގައި ހިފެހެއްޓޭނެކަމަށް މައުލޫމާތުދޭކަމަށް ސަރުކާރުން ބުނެއެވެ. އަދި އަހަރުގެ ބާކީ އޮތް މަސްތަކުގައި 5-6 ލައްކައާއި ދޭތެރޭ އަދަދަކަށް ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް ބެލެވޭކަމަށް ސަރުކާރުން ބުނެއެވެ.