ވިޔަފާރި

ބޯޑަރު ބަންދުކުރުމުން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް އިތުރުވި - ތޮއްޔިބު


ބޯޑަރު ބަންދުކުރުމުން ރާއްޖެ އިޝްތިހާރުކުރަން ކުރަންޖެހުނު މަސައްކަތް އިތުރުވެގެންދިޔަކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތޮއްޔިބް ވިދާޅުވީ، ބޯޑަރ ބަންދުކުރުމާއި ހަމައަށް ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތް ކުރެވުނު ކަމަށެވެ.

ބޯޑަރު ބަންދުކުރުމާއެކު ފަތުރުވެރިން އައުން ހުއްޓުނު ކަމުގައިވިއަސް މާކެޓިންގ މަސައްކަތްތައް އިތުރަށް ކުރަންޖެހުނުކަން ތޮއްޔިބް ފާހަގަކުރެއްވިއެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖެއާއިމެދު ފަތުރުވެރިން ދެކެމުންއައި ތަސައްވުރު ދެމެހެއްޓުންކަމަށް އޭނާ ވިދާޅުވިވެ.

"ބޯޑަރު ބަންދުކުރުމާއިއެކު ރާއްޖެއަށް ފަތުރުވެރިން ނައިކަމުގައިވިއަސް އިތުރަށް މަސައްކަތްޖެހުނީ ކުރަން. އަޅުގަނޑުމެން ރާއްޖެ މާކެޓްކުރުން ހުއްޓައެއްނުލަން. މާކެޓިން މަސައްކަތް އިތުރުކުރީ ރާއްޖެއަށް ލިބިފައިވާ ރީތިނަން ދަމަހައްޓައި ރަޢްޖޭގެ ތަސައްވުރު ފުހެވިގެން ނުދިއުމަށްޓަކައި. ތޮއްޔިބު ވިދާޅުވިއެވެ.

ކޯވިޑް19އާ ގުޅިގެން އެމްއެމްޕީއާރުސީން ރާއްޖެ މާކެޓްކުރަމުން ދިޔަ ގޮތް ބަދަލުކުރިކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން މި ހާލަތާއި ގުޅޭގޮތުން އެ ކޯޕަރޭޝަނުން މާކެޓިން މަސައްކަތްތައް ކުރިއަށްގެންދިޔައީ އޮންލައިން އެކި ޕްލެޓްފޯމް މެދުވެރިކޮށެވެ. އޭގެތެރޭގަައި ވެބިނަރތަކާއި ފޭސްބުކް ލައިވް ހިމެނެއެވެ.

ފޭސްބުކް ލައިވް މެދުވެރިކޮށް އެމްއެމްޕީއާރުސީއާއި ޓޫރިޒަމް މިނިސްޓްރީ އަދި މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް ގުޅިގެން މުޅި ދުނިޔެއަށް ހުޅުވާލައިގެން ވަނީ "ދަ ސަން ވިލް ޝައިން އަގެއިން" ގެ ނަމުގައި ކާމިޔާބު ކެންޕެއިނެއްވެސް ކުރިއަށްގެންގޮސްފައެވެ.