ޚަބަރު

ބޯޑަރު ހުޅުވާލާއިރު ޓުއަރިޒަމް މިނިސްޓްރީގެ ލައުންޖެއް އެއަރޕޯޓުގައި ޤާއިމްކުރަނީ


ބޯޑަރު ހުޅުވާލާއިރު މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ލައުންޖެއް އެއަރޕޯޓުގައި ޤާއިމްކުރެވިގެން ދާނެކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖަންސީ އޮޕަރޭޗަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އަލުން ބޯޑަރު ހުޅުވާލާއިރު، ދިމާވެދާނެ ހާލަތަކަަށް ހުރިހާ އިދާރާއެއް އެކުގައި މަސައްކަތްކުރުމަށް ތައްޔާރުވަމުން ދާކަމަށެވެ. އަދި މިމަސައްކަތުގެ ދަށުން މިނިސްޓްރީގެ ލައުންޖެއް އެއަރޕޯޓުގައި ޤާއިމްކުރާނެކަމަށާއި އެތަނުގައިވެސް މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ.

"މީގެ ބޭނުމަކީ ކޭސްއެއް އަތުވެއްޖެއްޔާ ނުވަތަ އެއަރޕޯޓުގައި ދިމާވެދާނެ ކަންކަން އެއަރޕޯޓުން ހައްލުކުރެވޭ ވަރަށް އަޅުގަނޑުމެން އެތަނުގައި ޤާއިމްވެގެން ތިބުން. މާނައަކީ އިންޓަރ އެޖެންސީ ކޮލަބޮރޭޝަން ސީދާ އެއަރޕޯޓުން ކުރިޔަށް ދިއުން. ކޯވިޑް-19 ކަންތައްތައް ފެށުން އިރު ކުއްލި ޝަޓްޑައުންތަކެއް ހިނގި. ބައެއް ފަތުރުވެރިން ތާށީވެސްވި. އެހެންނަމަވެސް އިންޑަސްޓްރީއާއިއެކު އެކަމަށް ހައްލު ހޯދުނު." އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކޯވިޑް-19 ފެތުރެން ފެށި ބޯޑަރު ބަންދުވުމުން ރާއްޖޭގައި ތާށިވި ފަތުރުވެރިންގެ ތެރެއިން އަދިވެސް 43 ފަތުރުވެރިޔަކު ރާއްޖޭގައި އެބަތިބިކަމަށެވެ. މީގެތެރެއިން އެއްބަޔަކު ތިބީ އޮޅުވެލީގަޔާގައި ގާއިމްކޮށްފައިވާ ޓްރާންސިޓް ފެސިލިޓީގައި އަދި ހުޅުމާލޭ ގެސްޓް ހައުސްއެއްގައި ކަމަށެވެ.

އަނެއްކޮޅުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ރާއްޖެއިން އެހެން މަންޒިލަކަށް ދިއުމުގެ ކުރިން ކޯވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ބޭނުންނަމަ މިހިދުމަތް ދިނުމަށް ޓެސްޓް ހެދޭނެ ގޮތުގެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެ ކަމަށް މިނިސްޓަރ އަލީ ވަހީދު ފާހަގަކުރެއްވިއެވެ. އެއީ ބައެއް ޤައުމުތަކުން އެހެން ޤައުމެއް މެދުވެރިކޮށް ދާނަމަ މިފަދަ ޓެސްޓުތައް ލާޒިމްކުރާތީ ފަތުރުވެރިންނަށް މިކަން ކުރުމަށް މަގުފަހިކޮށްދިނުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.