ޚަބަރު

ޖުލައިމަހު ފުރަބަންދަށް ލުއިދިނުމުގައި ޢަމަލުކުރަން ނިންމާފައިވާ ގޮތްތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފި


ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގައި ޢަމަލުކުރެއްވުމަށް ނިންމަވާއިފައިވާ ގޮތްތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ފަތުރުވެރިކަން އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން އާންމު ދިރިއުޅުން ބަހައްޓަން ކުރަންވީގޮތްތަކާއި ގުޅޭގޮތުން ވަޒީރުން ވަނީ ވާހަކަފުޅުދައްކަވައި، ކުރިއަށްއަޅުއްވަން ނިންމަވާފައިވާ ކަންތައްތަކާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަންނަ ޖުލައި މަސް ފެށުމާއެކު ފުރަބަންދަށް އިތުރު ލުއިތަކެއްދީ މާލޭގެ މިސްކިތްތަކާއި ސަރުކާރުގެ އޮފީސްތައް ހުޅުވާލަން މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރި ބުރަ މަސައްކަތުން އާންމު ދިރިއުޅުމަށް ދިއުމަށް ދެވަނަ މަރުހަލާއެއް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށާއި ޖުލައި މަސް ފެށުމާއެކު ސަރުކާރުގެ އޮފީސްތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި، މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމާއި، ސްކޫލްތައްވެސް ވަކި އުސޫލުތަކެއް ދަށުން ހުޅުވާލުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19އިން ސަލާމާތްވުމަށް އެެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖެއިންވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރިކަމަށާއި، އެއާއެކު މި ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ފަރުވާދިނުމަށް ތައްޔާރުވެވިފައިވާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.