ޚަބަރު

ޖާގައަށްވުރެ 40 އިންސައްތަ އިތުރަށް ޖަލުތަކުގައި މީހުން އެބަތިބި: ހޯމް މިނިސްޓަރ


ރާއްޖޭގައި ގައިދީން ބޭތިއްބުމަށް ހަމަޖައްސާފައިވާ ޖަލުތަކުގައި ހުރި ޖާގަތަކަށްވުރެ 40 އިންސައްތަ އިތުރަށް ޖަލުތަކުގައި މީހުން އެބަތިބިކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޖަލުތަކުގެ އާބާދީ އާއި ޖަލުތަކުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ހައިތަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ރާއްޖޭގައި މިވަގުތު ހުރީ 4 ޖަލެއްކަމަށެވެ. މިޖަލުތަކުގެ ޖާގައަކީ 1300 މީހުންކަމަށްވިޔަސް މި ޖަލުތަކުގައި 1800 މީހުން މިހާރުވެސް އެބަތިބިކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. މިއީ ޖަލުތަކުގެ ޖާގައަށް ބަލާއިރު 40 އިންސައްތަ އިތުރު އަދަދެއްކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"ކަރކްނޝަންގެ ބެލުމުގެ ދަށުގައި މިވަގުތު ހުރީ 4 ޖަލެއް. މިޖަލުތަކުގެ ޖާގައަކީ 1300 މީހުން. މިޖަލުތަކުގެ މިހާރުގެ އަބާދީއަކީ 1800. މިއީ ކެޕޭސިޓީއަށްވުރެ 40 ޕަސެންޓް އިތުރު އަދަދެއް.އަޅުގަނޑުމެން މަސައްކަތް ކުރަނީ ޖަލުތަކުގެ އާބަދީ މަދުކޮށް ރަނގަޅު ރިހިބިލިޓޭޝަން ޕްރޮގިރާމް ދީގެން މުޖުތަމައަށް ދޫކުރުން" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މނިސްޓަރ ވިދާޅުވީ ޖަލުތަކުގައި މީގެކުރިން ޖަލަށް ލެވޭ އެންމެންވެސް ބޭތިއްބެނީ އެއްކޮށްކަމަށެވެ. އޭގެ ތެރޭގައި ހައްދު ފަހަނަ އަޅާފައިވާ މީހުންގެ ގޮތުތުގައި ފާހަގަކުރެވި ޖަލަށްލެވޭ މީހުންވެސް ތިބެނީ އެހެން ގައިދީންނާއިއެއްކޮށް ކަމަށެވެ. ނަމަވެސް މިހާރު ޖަލުތަކުގެ ޖާގަ ކުޑަނަމަވެސް މިފަދަ ކުށްތަކަށް އަރައިގަނެފައިވާ މީހުން ވަކިކުރެވި ބޭތިއްބެވިފައި ވާނީ އެހެން ގައިދީންނާއި ވަކިންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އާއި، ކަރެކްޝަން އާއި ގުޅިގެން މިހާރު މަސައްކަތް ކުރަމުންދަނީ މިފަދަ ގައިދީން ވަކިން ބައިތިއްބާނެ ޔުނިޓެއް ގާއިމް ކުރުމަށް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. މިމަސައްކަތް ފެށުމަށްޓަކައި ކޯވިޑް19ގެ ކުރިން މަޝްވަރާ ކުރެވުނު ނަމަވެސް ކޯވިޑް19 އާއިއެކު މަސައްކަތް މަޑު ޖެހިފައިވާކަމަށާއި ނަމަވެސް މިމަސައްކަތް އަލުން ފަށައި، ދޮޅުމަހެއްގެ ތެރޭގައި މަސައްކަތް ނިންމައި، ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ މީހުން އެތަންތަނަށް ބަލަދު ކުރެވޭނެކަމަ ކަމުގައިވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އެމީހުންނަށް ޚާއްސަ ޕްރޮގުރާމުތަކެއް ހިންގައި މުޖުތަމައަށް ނެރުމުގެ ކުރިން ޖަލުތަކުގައި ބައިތިއްބައިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ޖަލުތައް އެޅުމުގައިވެސް އަދި ޖަލުތަކުގައި މިހާރުތިބި ގައިދީން މުޖުތަމައަށް ދޫކޮށް ޖަލުގެ އާބާދީ ކުޑަކުރުމަކީ ސަރުކާރުގެ އެންމެބޮޑު އަމާޒުކަމަށެވެ. މިމަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނީ ފުރިހަމަ ރިހިބިލިޓޭޝަން ޕްރޮގްރާމާއި، ތަމްރީން ޕްރޮގުރާމުތަކާއި އެކުގައިކަމަށްވުމުން، މިކަންކަން ކަށަވަރުކުރުމުގެ މަސައްކަތަކީ އެންމެ ފުޅާކޮށް މިހާރުވެސް ކުރެވެމުންދާ މަސައްކަތްތައް ކަމުގައިވެސް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.