ތިމާވެށި

ތްރީއާރް ފޯރަމްގެ ފުރަތަމަ ދުވަހުގެ ސެޝަންތައް ނިންމާލައިފި


މިހާރު ކުރިއަށްދާ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ 6 ވަނަ ތްރީއާރް ފޯރަމްގެ މިއަދުގެ ސެޝަންތައް ނިންމާލައިފިއެވެ. އޭޝިޔާ ޕެސިފިކް ސަރަހައްދުގެ 6 ވަނަ ތްރީއާރް ފޯރަމް ރަސްމީކޮށްފަށާފައިވާއިރު، މިއަދު ވަނީ 3 ޕްލެނަރީ ސެޝަންތަކެއް ކުރިއަށްގެންގޮސްފައެވެ. ފުރަތަމަ ސެޝަން އަމާޒުކޮށްފައިވަނީ އޭޝިޔާ އަދި ޕްސެފިކް ސަރަހައްދުގެ ޤައުމުތަކުގައި ކުނި ނައްތާލުމުގައި އަމަލުކުރަމުންދާ އުސޫލުތަކަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާއި، މިހާރަށް ވުރެ ހަރުދަނާ އުސޫލެއްގެ މަތިން ކުނި ނައްތާލުމުގެ ކަންކަން ކުރިއަށްގެންދިޔުމާއި ގުޅޭގޮތުންނެވެ. މި މައުޟޫއަށް ވާހަކަދައްކާ މަޝްވަރާކުރުމަށް ޖުމްލަ 5 ކަރުދާހެއް ހުށަހަޅާފައިވެއެވެ. ފުރަތަމަ ސެޝަންގެ ރިޔާސަތު ބެލެހެއްޓެވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމެވެ.ތްރީއާރް ފޯރަމްގެ ފުރަތަމަ ދުވަހުގެ ސެޝަންތައް ކުރިއަށްދިޔަގޮތާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން، އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވީ، މި ސެޝަންގައި މީގެ ކުރިން ބޭއްވުނު ތްރީއާރް ފޯރަމްތަކުގައި ނިންމި ނިންމުންތައް ތަންފީޒުކުރެވިފައިވާ މިންވަރާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދިޔަ ކަމަށެވެ. އަދި ކުރީގެ ނިންމުންތަކަށް ރިޢާޔަތްކޮށް، ކުރިއަށް އޮތް އަހަރުތަކުގައި އަމަލުކުރެވިދާނެ އުސޫލުތަކުގެ މައްޗަށްވެސް ބައިވެރިންގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެންދިޔަ ކަމަށް އާމިރު ވިދާޅުވިއެވެ. 2 ވަނަ ސެޝަން އަމާޒުކޮށްފައިވަނީ މުޖުތަމައުއެއް ބިނާކުރުމުގައި އެ މުޖުތަމައުއަކީ ތިމާވެއްޓާ ރައްޓެހި ކުނި ނައްތާލުމުގެ އުސޫލުތަކެއް ތަންފީޒުކުރުމާއި، އެފަދަ ނިޒާމްތަކުން އިޤްތިޞާދީގޮތުން ނަފާ ހޯދިދާނެ ގޮތްތަކުގެ މައްޗަށެވެ. މި ސެޝަނަށް ޖުމްލަ 6 ކަރުދާހެއް ހުށަހަޅާފައިވާއިރު، 2 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓާފައިވަނީ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒެވެ. ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވީ، މި ފޯރަމްގެ ތެރެއިން، ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ހާލަތު ދެނެގަނެވި، ހަރުދަނާ ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމުކުރުމުގައި ސަރަހައްދީ ޤައުމުތަކުގެ ހިޔާލާ މަޝްވަރާ ހޯދުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ. 3 ވަނަ ސެޝަންގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓުމުގައި ތްރީއާރްގެ ވަސީލަތްތައް ބޭނުންކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު، މި ސެޝަނަށް 6 ކަރުދާހެއް ވަނީ ހުށަހަޅާފައެވެ. 3 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ. މި 3 ސެންޝަންވެސް ނިންމާލާފައިވަނީ ކަމާގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭހެން ޕެނަލް ޑިސްކަޝަންތަކަކަށް ފަހުއެވެ.