ވިޔަފާރި

ވަޒީފާ ގެއްލުނު މުވައްޒަފުންނަށް އިސްކަންދިނުމަށް އަންގައިފި


ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށާއިރު ކޯވިޑް19އާ ގުޅިގެން ވަޒީފާ ގެއްލުނު މުވައްޒަފުންނަށް އިސްކަންދިނުމަށް ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންގައިފިއެވެ.


ކޯވިޑް19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި ގިނަ ރިސޯޓްތަކެއް ބަންދުކޮށްފައިވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލި އަދި ނޯޕޭއަށް ވަނީ ދާންޖެހިފައެވެ.

ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ތަނަކަށް ޓޫރިޒަމް މިނިސްޓްރީން ފޮނުވާފައިވާ ސަރކިއުލާގައި ވަނީ އަލުން ފަތުރުވެރިކަން ފަށާއިރު ކޯވިޑް19އާ ގުޅިގެން ވަޒީފާ ގެއްލުނު ނުވަތަ ވަޒީފާއިން ސަސްޕެންޑްކުރި މުވައްޒަފުންނަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފައެވެ.

ކޯވިޑް19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިކަން ހުއްޓިފައިއޮތްއޮތުން ނިމުމަކަށްގެނެސް އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވައި އަލުން ފަތުރުވެރިކަން ފެށުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ފަތުރުވެރިކަން އަލުން ފަށާއިރު ފަތުރުވެރިކަމުގެ ޙިދުމަތްދޭ ތަންތަނުން އަމަލުކުރަންޖެހޭ ގައިޑްލައިނެއް ޓޫރިޒަމް މިނިސްޓްރީން ވަނީ ނެރެފައެވެ. "ގައިޑްލައިން ފޮރ އީސްޓާޓިންގ ޓޫރިޒަމް އިން މޯލްޑިވްސް" އާއި "މޯލްޑިވްސް ޓްރެވެލް އިންފޮމޭޝަން" ގައިޑްލައިން އެ މިނިސްޓްރީން މިހާރު ވަނީ ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނަށް ފޮނުވާފައެވެ.