ޚަބަރު

36 ދިވެއްސަކު، ބޭސް ފަރުވާއަށް އިންޑިއަށް ދިއުމުގެ ހުއްދަދީފި


ރާއްޖެއިން ފަރުވާލިބެން ނެތް ބަލިތަކަށް ބޭސް ފަރުވާ ކުރުމަށް އިންޑިއާގެ ކޯޗީއަށް ދިއުމުގެ ހުއްދަ އިންޑީއާ ސަރުކާރުން ދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ހޯމް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން އިންޑިއާއަށް ދިވެހިން ފޮނުވުމުގެ މަސައްކަތް ކުރަމުންދަކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާއިކީ މިދަނޑިވަޅުގައި ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިން ޤައުމުކަމަށެވެ.

އެގޮތުން ބަލިހާލު ބޮޑުވެފައިވާ 36 ދިވެއްސަކަށް ބޭސް ފަރުވާ ކުރުމަށް އިންޑިއާގެ ކޯޗީއަށް ދިއުމުގެ ހުއްދަ ދިވެހި ސަރުކާރުގެ އެދުމުގެމަތިން، އިންޑީއާ ސަރުކާރުން ދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ކެންސަރު ބައްޔަށް ރޭޑިއޭޝަން ތެރަޕީ ބޭނުންވެފައިވާ މީހުން ހިމެނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ބޮޑެތި އެހީތަކެއް އިންޑިއާއިން ލިބޭނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށްވެސް ރައީސުލް ޖުމްހޫިރއްޔާ ވިދާޅުވިއެވެ.

"އިންޑިއާއަކީ ރާއްޖޭއަށް މި ދަނޑިވަޅުގައި އެންމެ އެހީތެރިވެދިން ޤައުމު. ހުރިހާ ގޮޔަކުންވެސް. ބޯޑަރު ބަންދުވުމުން ބޭސްފަރުވާއަށް ނުދެވި ތިބި މީހުންނަށް އިންޑިއާއަށް ދިއުމަށް ހުއްދަ ދީފައިވަނީ"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ބަންދުކޮށްފައިވާ އިންޑިއާގެ ބޯޑަރުތައް އަދި ހުޅުވާފައެއް ނުވެއެވެ. އެހެންނަމަވެސް ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރެވޭނެ މަގު ފަހި ކޮށްދިނުމަކީ ރާއްޖެއާއި އެޤައުމާ މެދުގައި އޮތް ޒަމާންވީ ވަރުގަދަ ގުޅުން ހާމަކޮށްދޭކަމެއްކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއިން ފަރުވާލިބެން ނެތް، ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރަން ޖެހޭ މީހުންނަށް އިންޑިއާއިން ފަރުވާ ކުރުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ޚާއްސަ ހުއްދައެއް ދެއްވިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ޚާރިޖީ ވަޒީރު ޑރ.އެސް ޖައިޝަންކަރަށާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާއެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވާގޮތުގައި އިންޑިއާގެ ހޯމް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން، 36 ދިވެހިން އަންނަ ހަފްތާގައި އިންޑިއާއަށް ގެންދިޔުމަށް އާސަންދަ ކުންފުންޏާ ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.