ޚަބަރު

ކޯވިޑް-19 : ޢާންމު ދިރިއުޅުމަށް ދިއުމަށް ދެވަނަ މަރުހަލާއެއް ފެށުމަށް މިވަނީ ތައްޔާރުވެފައި - ރައީސް


އަންނަ ޖުލައި މަސް ފެށުމާއެކު ފުރަބަންދަށް އިތުރު ލުއިތަކެއްދީ މާލޭގެ މިސްކިތްތަކާއި ސަރުކާރުގެ އޮފީސްތައް ހުޅުވާލަން މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ކޯވިޑް19އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރި ބުރަ މަސައްކަތުން އާންމު ދިރިއުޅުމަށް ދިއުމަށް ދެވަނަ މަރުހަލާއެއް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން އަންނަ ޖުލައިމަސް ފެށުމާއެކު ސަރުކާރުގެ އޮފީސްތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި، މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމާއި، ސްކޫލްތައްވެސް ވަކި އުސޫލުތަކެއް ދަށުން ހުޅުވާލުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާކަމަށެވެ.

ކޯވިޑް-19އިން ސަލާމާތްވުމަށް އެެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖެއިންވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރިކަމަށާއި، އެއާއެކު މި ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ފަރުވާދިނުމުގައި ތައްޔާރުވެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ކޯވިޑް19 އަށް ޓެސްޓްކުރުމުގައި ރާއްޖޭގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި ރާއްޖެއަކީ އާބާދީގެ ނިސްބަތުން މިސަރަހައްދުގައި އެންމެ ގިނައިން ކޯވިޑް19 އަށް ޓެސްޓްކުރެވޭ ޤައުމުކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިއަދު ރާއްޖޭގައި ދުވާލަކު އެއްހާހަށްވުރެ ގިނަ ޓޭސްޓް އެބަހެދޭ. އައްޑޫގައި މިމަހުގެ 21 ވަނަ ދުވަހު ވަނީ ޕީސީއާރު ޓެސްޓް ހަދަން ފަށާފައި. އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގައި ކުޅުދުއްފުށީގައި ޓެސްޓްހެދަން މިހާރުވަނީ ތައްޔާރުވެފައި" ރައީސް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގައި ކޯވިޑް19 އަށް ޕޮޒިޓިވްވި 2200އަށްވުރެ ގިނަ މީހުންނާއި ގުޅިގެން 17605 މީހުން ކޮންޓެކްޓް ޓްރޭސް ކުރެވިފައިވާއިރު، 8000އަށް ވުރެގިނަ މީހުން ކަރަންޓީންކުރެވި ފެސިލިޓީތަކުން ދޫކޮށްލާފައިވާކަމަށާއި، ރާއްޖޭގެ 5 ސަރަހައްދެއްގައި ކޯވިޑް19 ގެ ބަލި މީހުންނަށް ފަރުވާދިނުމަށް 250 އައިސީޔޫ އެނދާއި 655 އައިސޮލޭޝަން އެނދު މިހާރު ޤާއިމްކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.