ކުޅިވަރު

ފޯކައިދޫގެ ފުޓްބޯޅަ ފޯރި - އެހެން ރަށްތަކަށް ހުރި މިސާލެއް


ފޯރިއާ އެކު އަބަދުވެސް ބާއްވަމުން އަންނަ އަތޮޅު ފުޓްބޯޅަ މުބާރާތް މިއަހަރު މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގެ ނަމުގައި ށ.ފޯކާއިދޫގައި ފެށާފައިވާއިރު، ފުޓްބޯޅައިގެ ބޮޑު ޢީދެއް ފެށުނުކަން ފޯކާއިދޫގެ ރައްޔިތުންވަނީ ދައްކާދީފައެވެ.މި މުބާރާތަށް މުޅި ފޯކައިދޫގައި ދިދަ ދަމައި ޒީނަތްތެރިކޮށްފައިވާއިރު، މުބާރާތައް ތައްޔާރުވުގެ މަސައްކަތް ރަށުގެ ރައްޔިތުން ފަށާފައިވަނީ މީގެ މަހެއް ހާދުވަސް ކުރިންނެވެ. ށ.މިލަންދޫއާއި ދެކޮޅަށް ކުޅެ މޮޅުވި މެޗުގެ ކުރިން މުޅި ރަށް ޒީނަތްތެރިކުރުމުގެ މަސައްކަތުގައި ރަށުގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން ފެނުނެވެ. އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިއްސާވެސް މި މަސައްކަތްތަކުގައި ފެނިގެންދިޔައީ ހަމަހަމައަށެވެ.މުބާރާތުގެ ފުރަތަމަ މެޗަށް ރަށަށް ޒިޔާރަތްކުރި ހުރިހާ މެހްމާނުންނަށްވެސް ފޯކައިދޫގެ ރައްޔިތުން ކީ މަރުޚަބާއަކީވެސް ފާހަގަކުރެވޭވަރުގެ ކަމެކެވެ. މެޗަށް ތައްޔާރުވުމަށް ރަށުގެ ހުރިހާ ރައްޔިތުން ރައްކުލައިގެ ހެދުމުގައި ނަލަ ހެދެމުންދިޔައިރު، މެޗު ފަށައިގެން ނިމެންދެން ފޯކަައިދޫގެ ސަޕޯޓާރުންގެ އަޑުދިޔައީ މެދުނުކެނޑި އިވެމުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ށ.މިލަންދޫގެ މައްޗަށް ތިނެއް ސުމަކުން މޮޅުވި މެޗުގައި ސަޕޯޓަރުން އެމީހުންގެ ޒިންމާވެސް އަދާކުރީ ފާހަގަކުރަންޖެހޭ ފެންވަރަށެވެ.ފޯކައިދޫ ޓީމްގެ މެނޭޖަރ މުޙައްމަދު ނަޝީދު ބުނީ ދިހަ ދުވަހުގެ ތެރޭގައި މުޅި ފޯކައިދޫ ޓީމަށް ސަޕޯޓުކުރުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވިކަމަށާއި، މެޗުން މޮޅުވުމުގައިވެސް ސަޕޯޓާރުންގެ ހިއްސާ ބޮޑުކަމަށެވެ."މުޅި ރަށް ވަރަށް ރަނގަޅަށް މެޗައް ތައްޔާރުވި. މެޗުން މޮޅުވީވެސް ކުޅުންތެރިން ދެއްކި ސަޕޯޓުގެ ސަބަބުން. ކުރިއަށް ހުރި ހުރިހާ މެޗެއްގައިވެސް މިވަރުގެ ސަޕޯޓެއް ލިބޭނެކަމާއިމެޗު ޝައްކެއް ނުކުރަން." މެނޭޖަރ ނާޝިދު ބުންޏެވެ.މާލޭގައި ކުޅޭވޭ މުބާރާތްތަކަށްވުރެން އަތޮޅު ތަކުގައި ކުޅެވޭ މުބާރާތްތަކުގެ ފޯރިގަދަވާ ވާހަކަ އަޑު އަހާފައިވާ މީހުންނަށް އެ ދުވަހު ފޯކައިދޫގެ ސަޕޯޓަރުން ސާބިތުކޮށްދިނެވެ. ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމާއިއެކު ރަތްކުލައިގައި ތިބި ސަޕޯޓަރުންގެ ފަރާތުން ފެނުނު މަންޒަރުތަކަކީ ހުރިހާ ރަށްތަކުގެ ސަޕޯޓަރުން މިސާލު ނަގަން ޖެހޭ ފަދަ މަންޒަރުތަކެެކެވެ.މި އަހަރުގެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންދާނީ އަތޮޅުގެ ރަށްތަކުގެ މެދުގައި ހޯމް އެންޑް އަވޭގެ އުސޫލުންނެވެ. ކޮންމެ ޓީމަކަށްވެސް އަމިއްލަ ރަށުގެ ސަޕޯޓަރުންގެ ކުރިމަތީގައި މެޗުތައް ކުޅެން ލިބުމަކީ ސަޕޯޓަަރުންނަށް ބާރަވަނަ ކުޅުންތެރިޔާގެ ރޯލު އަދާކުރަން ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ. މުބާރާތުގެ ފުރަތަމަ މެޗުން ފޯކައިދޫގެ ސަޕޯޓަރުންވަނީ އެކަން ދައްކާދީފައެވެ.ފޯކައިދޫގެ ސަޕޯޓަރުން ދެއްކި މިސާލު އެހެން ރަށްތަކުގެ ސަޕޯޓަރުންނަށް ދެއްކިދާނެބާއެވެ؟ މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ފޯކައިދޫ ސަޕޯޓާރުން ދެއްކި ފޯރި އެހެންބަޔަކަށް ދެއްކިދާނެބާއެވެ؟ ޔަގީންވާ ހަގީގަތަކީ އަތޮޅު ފުޓްބޯޅަ މުބާރާތަކީ ކޮންމެ ރަށަކަށްވެސް އަންނަ ފުޓްބޯޅައިގެ ޢީދެއްކަމެވެ.