ވިޔަފާރި

ކޯވިޑްއަށް ޓެސްޓު ކުރާނީ އަލާމަތްތައް ހުންނަ ފަތުރުވެރިން އެކަނި


ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ކޯވިޑް19އަށް ޓެސްޓު ކުރާނީ އަލާމަތްތައް ހުންނަ ފަތުރުވެރިން އެކަނިކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަދު އާއްމުކޮށްފައިވާ “ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިން"ގައިވާ ގޮތުން ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިން ކޯވިޑް19އަށް ޓެސްޓެއް ނުކުރާނެއެވެ. އަދި ޓެސްޓްކުރާނީ އަލާމާތްތައް ހުންނަ ފަތުރުވެރިން އެކަނިކަމަށާއި ޕީސީއާރު ޓެސްޓު ހަދާނީ އެ ފަތުރުވެރިއެއްގެ ޙަރަދުގައި ކަމަށްވެސް ގައިޑްލައިންގައިވެއެވެ.

ބައެއް ޤައުމުތަކުން ފަތުރުވެރިން ކަރަންޓީން ކުރިނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިން ކަރަންޓީނެއް ނުކުރާނެއެވެ. އަދި ރާއްޖެ އެތެރެވުމަށް އަމިއްލަ ޤައުމުގައި ހަދާފައިވާ ކޯވިޑް-19 ޓެސްޓެއްގެ ނަތީޖާ ބޭނުމެއްނުވާނެ ކަމަށްވެސް މި ގައިޑްލައިންގައިވެއެވެ. އެހެން ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ ރޭންޑަމް ސަމްޕަލްތައް ނެގުން ހެލްތުގެ ބޭފުޅުން ކުރިއަށްގެންދާނެއެވެ. އަދި އަނބުރާ ޤައުމަށް ފުރާއިރު ކޯވިޑް-19އަށް ޓެސްޓުކޮށް އޭގެ ނަތީޖާ ބޭނުންވާ ފަތުރުވެރިންނަށްވެސް އެޙިދުމަތް ލިބޭނެ ކަމަށް ގައިޑްލައިންގައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ޗައިނާ ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދުވާލަކު 1000 ޓެސްޓު ކުރެވޭ މެޝިނެއް ބަހައްޓައިދިނުމަށް އެއްބަސްވެފައިވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ޗައިނާއަށް އެތެވާ ކޮންމެ މީހެއް އަތުގައި އޮންނަން އެބަޖެހޭ 120 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ، އެކަން ކޮށްދޭކަމަށްވަންޔާ ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަންނާނެ، ޗައިނާ ސަރުކާރަށް ޔަޤީންކަން ދީފިން އެއެދޭގޮތަށް ޗައިނާ ޓޫރިޒަމްޓުން ރާއްޖެއިން ފުރާއިރުގައި ޓެސްޓު ހެދޭނެ އިންތިޒާމްތައް ހަމަޖައްސާނެކަމަށް، މިއާ އެކު ޗައިނާ ސަރުކާރުން ޓެސްޓިން ސިސްޓަމެއް މާލެ އެއަރޕޯޓުގައި ތައްޔާރުކޮށްދޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް އެޤައުމެއްގެ ފަތުރުވެރިން ރާއްޖެއަށް އައުމުގައި އެ ޤައުމުކުން ބޭނުންވާ ގޮތްތައް ހޯދާ އެކަންތައްތައް ކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން މިއަހަރުގެ މަރޗުމަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ. އެހެން ނަމަވެސް އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާނެކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި އެއާއެކު ރާއްޖޭގެ ރިސޯޓްތައް ހުޅުވާލެވޭނެކަމަށާއި ކުރިއަށް އޮތް އޮގަސްޓްމަހުގެ ތެރޭގައި ގެސްޓް ހައުސްތައް ހުޅުވާލުމަށް ހުއްދަ ދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.