ޚަބަރު

ކޯވިޑް-19 : ދީނީ ޢިލްމުވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު


ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ޙާލަތުގައި ދީނީގޮތުން ޢާއްމު ރައްޔިތުން ހޭލުންތެރިކުރުވައި ދީނީ މަޢުލޫމާތު ފެތުރުއްވުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ކުރިމަތި އުނދަގޫ ޙާލަތުގައި ދިނީ ޢިލްމުވެރިން އަދާކުރެއްވި ދައުރަކީ ފާހަގަކޮށްލަންޖެހޭ މުހިންމު ދައުރެއްކަމަށެވެ. ޙާލަތުގެ ނުރައްކާތެރިކަން ކުޑަކުރުމަށްޓަކައި ރައްޔިން ކިޔަމަންތެރިކަމާއެކު ގޭގައި ތިބުމައި، އާ ޢާއްމު ޙާލަތަށް ދިއުމަށް ސަރުކާރުން ފެށި މަސައްކަތްޕުޚު ކާމިޔާބުކުރުމަށް ޢާއްމުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމުގައި ދީނީ ޢިލްމުވެރިގެ މަސައްކަތްޕުޅު މުހިންމު ދައުރެއް އަދާކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިޙާލަތާއެކު ރާއްޖޭގެ މިސްކިތްތަކުގެ ޖަމާޢަތްތައް މެދުކަނޑާލައި މިސްކިތްތައް ބަންދުކުރި ކުރުމަށް މިހާރުވަނީ ލުއިތަކެއް ދެއްވާފައެވެ. އެގޮތުން މާލެ ސަރަހައްދު ނޫން އެހެން ހުރިހާ ސަރަޙައްދެއްގެ މިސްކިތްތައް ހުޅުވައި ޖަމާޢަތްވަނީ ފަށާފައެވެ. ރައީސް މިއަދު ވިދާޅުވީ ދާދިއަވަހަށް މާލެ ސަރަޙައްދުގެ މިސްކިތްތަކުގެ ޖަމާޢަތްތައް ފެށޭނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ކަށަވަރުކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ދީނީގޮތުން ހައްދުފަހަނައަޅާފައިވަ މީހުންނާއި ޓެރަރިޒަމަށް ވާގިވެރިވާ ބައެއްމީހުން ރާއްޖޭގައި އެބަތިބިކަމަށެވެ. އެމީހުން ހޯދައި އެމީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި އިސްލާމްދީނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހުއްޓުވުމައި އެފަދަ ޢަމަލުތައް ހިންގާ މީހުންނަށް ޝަރީޢަތް ހިންގުމުގެ މަސައްކަތްވެސް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ޚާއްސަ ޙާލަތުގައި ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަށް ބޯލަނބައި ކިޔަމަންވުމަކީ އިސްލާމީ އުސޫލުންބަލާއިރު، ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއްކަން ބަޔާންކުރައްވައި ދީނީ ޢިލްމުވެރިން ވަނީ އެތައް ދަރުސްތަކެއް ދެއްވާފައެވެ. ޓީވީތަކާއި ރޭޑިއޯތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މިފަދަ އެތައް މަސައްކަތްޕުޅެއް ދީނީ އިލްމުވެރިންވަނީ ކުރައްވާފައެވެ.

އަދި މިޙާލަތުގެ ނާޖާއިޒު ފައިދާ ނަގައި ބަޔަކު އުފައްދަފާނެ ހަމަނުޖެހުމަކުން ޤައުމު ސަލާމަތްކުރުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުންވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ.