ޚަބަރު

ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ނުގެންދެވޭނެ ކަމުގައި ސަރުކާރުން ހާމަކުރައްވައިފި


ކޯވިޑް19 އާއި ގުޅިގެން ސައުދީ ފިޔަވައި އެހެން އެއްވެސް ގައުމެއްގެ މީހުންނަށް ހައްޖަށްދިއުމަށް ހުއްދަ ދީފައި ނުވާތީ، ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ނުގެންދެވޭނެ ކަމުގައި ސަރުކާރުން ހާމަކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން 1441 ވަނަ އަހަރު މާތްވެގެންވާ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސަޢޫދީ ޢަރަބިއްޔާގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި މިވަގުތު ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުން ހިމެނޭގޮތަށް ކަނޑައެޅޭ މަދު ޢަދަދެއްގެ މީހުންނަށް ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ނިންމަވާކަން، ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން ވެސް ދިވެހި ސަރުކާރަށް މިހާރު އަންގަވާފައިވާކަމަށެވެ.

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުގެ މިނިންމެވުމާއި ގުޅިގެން 1441 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ހައްޖަށް ނުގެންދެވޭނެކަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގަވާފައެވެ.

އެންމެ ފަހުވަގުތު ފުރުޞަތު ލިބުނު ނަމަވެސް 1441 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދެވޭނެ ގޮތަށް އިސްލާމިކް މިނިސްޓްރީން ގެންދެވީ މަސައްކަތްތައް ކުރައްވަމުންނެވެ.

ސަޢުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވިދާޅުވީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19 އާއި ގުޅިގެން އެބަލި ފެތުރުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުމަށްޓަކައި މި ހިނގާ 1441 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ވީހާވެސް މަދުބަޔަކަށް ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ސައުދީގެ ރައްޔިތުންގެ ތެރެއިން ފުރުސަތުދޭ މީހުންގެ އިތުރުން އެޤައުމުގައި ދިރިިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން ބަޔަކަށް މިފަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެއްވާނެކަމަށެވެ.

މި ގޮތަށް ނިންމާފައި މިވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކަށަވަރުކުރުމާއެކު ސިއްޙީ އިދާރާތަކުގެ އެންގުންތަކަށް ބޯލަނބައި މީސްތަކުންގެ ފުރާނައަށް ނުރައްކާވުން ކުޑަކުރުމަށްކަމުގައި ސައޫދީ ސަރުކާރުން ހާމަކުރައްވާފައި ވެއެވެ.