ކުޅިވަރު

24 އަހަރަށްފަހު އެކުވެނީގެ ދުވާ ޓްރެކް އަލުން މަރާމާތުކުރަނީ


މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙުމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 24 އަހަރަށްފަހު ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ޓްރެކް ބޭނުންކުރާ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

1996ވަނަ އަހަރު ހެދި އެކުވެނި ދުވާ ޓްރެކުގެ މަރާމާތުގެ މަސައްކަތް ނިމޭއިރު، މިހާރު އޮތް ޓްރެކް ނެގުމަށްފަހު އެތަނުގެ ވެލިގަނޑު 1 ފޫޓަށް ކޮނެ، އަލުން ވެލިއަޅައި އެއްވަރު ކުރުމަށްފަހު އަލުން ޓްރެކް އަޅާނެއެވެ. އަމި މި މަސައްކަތް 25 ދުވަހުގެ ތެރޭގައި ނިންމާލާނެކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގައި މި މަސައްކަތް ކުރިއަށްގެންދަނީ އާރްކޭއެލް ކުންފުނިންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމާއި ހަމައަށް ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކްއަކީ ކަސްރަތު ކުރުމަށާއި ބޫޓް ކޭމްޕްތަކަށް ގިނަ ބަޔަކު ބޭނުންކުރަމުންދިޔަ ތަނެކެވެ. އެގޮތުން ޓްރެކުގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުންފަދަ ގިނަ ޝަކުވާތަކެއް އެތަން ބޭނުންކުރާ ފަރާތްތަކުންވަނީ މީގެ ކުރިން ކޮށްފައެވެ.