ވިޔަފާރި

ރިސޯޓު މުވައްޒަފުންގެ ދިރިއުޅުމަށްކޮށްފައިވާ އަސަރު ދެނެގަތުމަށް ސާރވޭއެއް


ކޯވިޑް-19 އާއި ގުޅިގެން ރިސޯޓު މުވައްޒަފުންގެ ދިރިއުޅުމަށްކޮށްފައިވާ އަސަރު ދެނެގަތުމަށް ސާރވޭއެއް ކުރިއަށްގެންދިޔުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ނިންމައިފިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރާގޮތުގައި މިސާރވޭ މެދުވެރިކޮށް ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ މާހައުލާއި ދިރިއުޅުމަށް ކުރަމުންދާ އަސަރު ދެނެގަނެވޭނެކަމަށެވެ. މި ސާރވޭ މެދުވެރިކޮށް ލިބޭ ވަކިވަކި ފަރުދުންގެ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓޭނެ ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކުން ބުނެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިފައިވާއިރު، މީގެ އަސަރުވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށްކޮށްފައެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާއިރު، ނޯޕޭ ލީވްގައި ތިބި މުވައްޒަފުންގެ އަދަދުވެސް ވަރަށް ގިނައެވެ.

ސަރުކާރުން ދަނީ މި ފަރާތްތަކަށް އެހީވުމަށްޓަކައި އިނާޔަތެއް ދެމުންނެވެ. އެގޮތުން ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށްދޭ ޢިނާޔަތާ ގުޅޭ އުސޫލުގައި ވާގޮތުން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވްއަށް ފޮނުވައިފައިވާ މީހުންނާއި، މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ. އަދި މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި ފަސްހާސް ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ދޭނެކަމަށްވެސް މި އުސޫލުގައިވެއެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. އަދި މާރޗް 1 އާއި ހަމައަށް ވަޒީފާއެއްގައި ހުރި މީހަކަށްވާން ޖެހޭކަމަށްވެސް މި އުސޫލުގައިވެއެވެ.