ވިޔަފާރި

ދައުރު ނިމުމުގެ ކުރިން ޓުއަރިޒަމް އިންޑަސްޓްރީގެ 55 އިންސައްތަ ވަޒީފާ ދިވެހިންނަށް


ސަރުކާރުގެ އަމަޒަކީ މިދައުރު ނިމުމުގެ ކުރިން ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގައި ހަރަކާތްތެރިވާ ދިވެހިންގެ ނިސްބަތް 55 އިންސައްތައަށް އިތުރުކުރުންކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެއެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިން ބާރުވެރިކުރުވުމަށް މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަންއާ ގުޅޭގޮތުން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ރައީސްގެ އިރުޝާދުގެ ދަށުން ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ ތަންތަނެއް އޮޑިޓްކޮށް އިންސްޕެކްޓްކުރުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކުރިއަށްގެންގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށްގެންދިޔަ އޮޑިޓްއިން ގިނަ ކަންތައްތަކެއް ފާހަގަވެފައިވާކަމަށެވެ. އެގޮތުން ފަތުރުވެރިންނަށް ޚިދުމަތްދޭ ގިނަ ތަންތަނުގައި ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަންކަން އިންތިޒާމްކޮށްފައި ހުރިނަމަވެސް، ބައެއް ތަންތަނުގައި ކަންބޮޑުވާ ދަރަޖައަށް ކަންކަން އެބަހުރިކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އޮޑިޓުން ފެންނަނީ ރިސޯޓްތަކުގައި އުޅޭ މަސައްކަތްތެރިންގެ 47 އިންސައްތައަކީ ދިވެހިންކަން. ނަމަވެސް ބައެއް ރިސޯޓްތަކުގައި މިއަދަދު އުޅެނީ ކަންބޮޑުވާ ވަރަށް ދަށުގައި. އިސްލާހުކުރަން އެންގި ރިސޯޓްތަކުގެ ތެރެއިން އެއް ރިސޯޓް ފިޔަވައި ހުރިހާ ރިސޯޓަކުން ދަނީ ކަންކަން އިސްލާހުކުރަމުން. އިސްލާހުކުރުން ލަސްވަމުންދާ ރިސޯޓާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅަން ތައްޔާރުވަމުން މިދަނީ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ނިސްބަތްވާ 45 އިންސައްތައިގެ ބެހެއްޓުމަށް ލާޒިމްކޮށް 2012 ވަނަ އަހަރު އޭރުގެ ސަރުކާރުން ސަރކިއުލާއެއް ނެރެފައިވާކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ ފުރަތަމަ 51 އިންސައްތަ އަދި އެއަށްފަހު ދައުރު ނިމުމުގެ ކުރިން 55 އިންސައްތައަށް އެއަދަދު އިތުރުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ބޭފުޅުންނާއި މަޓީގެ ފުރިހަމަ އެއްބާރުލުން އެމަސައްކަތަށް ލިބެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފަތުުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް 55 އިންސައްތައަށް ގެންދާއިރު، އެކަމަށް ތަމްރީން ލިބިފައިވާ ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވާކަމަށެވެ.

"ދިވެހިންގެ ނިސްބަތް 55 އިންސައްތައަށް ގެންދަން އެބަ ބޭނުންވާ ތަމްރީން ލިބިފައިވާ 9000 މުވައްޒަފުން. އެއީ ގާތްގަނޑަކަށް ޕޮލިހާއި، އެމްއެންޑީއެފްއާއި އިމިގްރޭޝަން އެއްކޮށްލުމުންވެސް އަންނަ އަދަދު. އެހެންވީމަ ފަސޭޙަކަމެއް ނޫން ކުއްލިއަކަށް އެކަން ތަންފީޒްކުރުމަކީ. ނަމަވެސް އަމާޒުތަކެއް ކަނޑައަޅައިގެން ހާސިލްކުރެވޭނެކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ޓުއަރިޒަމް މިނިސްޓްރީގައި ނެތްކަމަށެވެ. ނަމަވެސް މިއަދު އެކަންކަން އިސްލާހުކޮށް، މުވައްޒަފުންނާ ގުޅޭ ކަންކަން ބެލުމަށް ވަކި ސެކްޝަނެއް ޤާއިމްކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.