ޚަބަރު

މާފުށީ ބިން ހިއްކާ ނިންމައިފި، މޫދަށް އެރޭނެ ގިނަ ބީޗްތައް ހުންނާނެ


މާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ. ލޯކަލް ޓޫރިޒަމް ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ މާފުށީގެ ބިން ހިއްކާފައިވަނީ ރިސޯޓެއްގެ ސިފަ އަންނަހެން ރިސޯޓް ކޮންސެޕްޓަށެވެ.

ބިމުގެ ދަތިކަން ދިމާވެފައިވާ މާފުށީގެ ބިން ހިއްކުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ ވައުދު ފުޅެކެވެ. މި ވައުދު ފުއްދަވައިދެއްވުމުގެ ގޮތުން މާފުށީ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 27 ވަނަދުވަހުއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ބުނީ ފަޅު ހިއްކުމުގެ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހު މުޅިން ނިންމާފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ހިއްކި ބިން ޙިމާޔަތްކުރުމަށް ބޭނުންވާ ހިލަ ރާއްޖެ ގެނައުމުގެ މަސައްކަތްކަމަށެވެ. އަދި ހިލަ ހިފައިންގެން އަންނަ ބާޖު އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެކަމަށާއި ހިއްކި ބިން ޙިމާޔަތްކުރުމަށް 1110 މީޓަރު ސަރަޙައްދުގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މާފުށީގެ ތިލަ ފަޅުގެ ތެރެއިން ހިއްކި 25 ހެކްޓާރުގެ ބިން އެރަށާއި ގުޅުވާލާނީ 200 މީޓަރު ދިގު ބްރިޖަކުންނެވެ. އަދި އަލަށް ހިއްކި ސަރަހައްދު ރިސޯޓް ކޮންސެޕްޓަށް ހިއްކާފައިވާއިރު މޫދަށް އެރުމަށް ހާއްސަ ތިމާވެއްޓާއި ރައްޓެހި ގިނަ ބީޗް ސަރަހައްދުތަކެއް އޮންނާނެކަމަށް އެމްޓީސީން ބުނެއެވެ.

ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާފުށިގެ ބިން ހިއްކާ ނިމުމުން ހަ މަސްދުވަހުގެތެރޭގައި ރަށުން ގޯތި ދޫކުރުމަށް ލޭންޑް ޔޫސް ޕްލޭނެއްވެސް ފައްޓާަވާނެކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓްއަރިޒަމް ހިންގާ މާފުއްޓަށް ލޯކަލް ޓްއަރިޒަމް ތައާރަފުވިތާ މިހާރު ވަނީ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. އެރަށުގައި މިހާރުވެސް 50 ވުރެ ގިނަ ގެސްޓް ހައުސް ހުރެއެވެ. ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ޖާގައިގެ ދަތިކަމެވެ. ރަށުގެ އާބާދީ 2000 މަތީގައި އުޅޭއިރު ރަށަށް ހިޖުރަކޮށްގެންނާއި ވިޔަފާރީގެ މަސައްކަތުގައި 5000 ވުރެ ގިނަ މީހުން އުޅެމުން އަންނަކަމަށް ރަށު ކައުންސިލުން ބުނެއެވެ.

ހިއްކި ސަރަޙައްދުގެ ބޮޑު ސަރަޙައްދެއްވެސް ޚާއްސަކޮށްފައިވަނީ ސޯޝަލް ހައުސިން މަޝްރޫޢުތަށް ހިންގުމަށެވެ. އަދި ލޯކަލް ޓުއަރިޒަމާއި، ވިޔަފާރިއަށް ދޫކުރާ ޒޯނަކާއި، މިކްސްޑް ޔޫޒް ޒޯނަކާއި، އަދި އާއްމުންގެ ހިތްހަމަޖެހުމަށް އޯޕަން ސްޕޭސްގެ ގޮތުގައި ބޭނުންކުރާ ސަރަޙައްދު ހިމަނާފައިވެއެވެ. މީގެއިތުރަށް ކުރިމަގުގައި ރަށަށް ބޭނުންވާ މުހިންމު މަސައްކަތްތައް ކުރުމަށްވެސް މިމަޝްރޫޢުން ބިންވަނީ ކަނޑައަޅާފައެވެ.

މާފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ އަގަކީ 99.98 މިލިއަން ރުފިޔާއެވެ.