ޚަބަރު

ކައުންސިލްތަކާއި އެލްޖީއޭ އުވާލުމަށް ޖާބިރު ޤަރާރެއް ހުށައަޅުއްވައިފި


ސިޓީކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށުކައުންސިލްތައް އުވާލުމާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަމުގައި އުފައްދާފައިވާ މުޢައްސަސާ އުވާލުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވައިފިއެވެ.

ޖާބިރު ހުށަހެޅުއްވި ޤަރާރުގައި ބުނެފައި ވަނީ "ކޯވިޑް19 ވައިރަސް" ގެ ސަބަބުން ރާއްޖޭގެ އެންމެހާ ސިނާޢަތްތައް މުޅިން ހުއްޓި، ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެ، ދައުލަތް ބަނގުރޫޓް ވުމާއި ދިމާއަށް މިޞްރާބު ޖަހާފައިވާކަމަށެވެ.

އަދި މިހާލަތުގައި ރާއްޖޭގެ އެންމެހާ ސިނާޢަތްތައް މުޅިން ހުއްޓި، ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެ، ދައުލަތް ބަނގްރޫޓުވުމާއި ދިމާއަށް މިޞްރާބު ޖަހާފައިވާތީ، ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ފޫބައްދަން ދަތި ގެއްލުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ސަރުކާރުން ކުރަންޖެހިފައިވާ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް މިހިނދުން މިހިނދަށް އެޅުމަކީ މުހިންމުކަމެއްކަމުގައި ޖާބިރު ހުށައެޅުއްވި ޤަރާރުގައި ވިދާޅުވެފައި ވެއެވެ.

ޚަރަދުކުޑަކުރުމަށްޓަކައި ޖާބިރުގެ ޤަރާރުގައި ހުށަހަޅާފައި ވަނީ ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުފައްދާފައިވާ އެންމެހައި ކައުންސިލްތަކާއި، ކައުންސިލްތަކުގެ ޒިންމާދާރު ފަރާތް އެލްޖީއޭގެ އުވާލުމަށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އުފައްދާފައިވާ ސިޓީކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށުކައުންސިލް ތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" ގެ ނަމުގައި އުފައްދާފައިވާ މުޢައްސަސާ އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހިނދުން މިހިނދަށް ފެއްޓެވުމަށް ޖާބިރުުގެ ޤަރާރުގައި ވަނީ ހުށަހަޅުއްވާފައެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ އަދަދަކަށް މަޖިލީހަށް ޤަރާރު ހުށަހެޅުއްވި މެމްބަރެވެ. ޖާބިރު ހުށަހެޅުއްވި ގިނަ ޤަރާރުތައް ބަލައިގަނެ މަޖިލީހުގައި ބަހުސް ކުރައްވާފައި ވެއެވެ.