ޚަބަރު

ބިދޭސިންގެ މައްސަލަ އެމްއެމްޕީއާރުސީގެ މައްސަލައަށްވުރެ މާބޮޑު - ފައްޔާޟު


ބިދޭސީން ރާއްޖެ ގެނެސް މަގުމަތިކޮށްލުމުގެ ޢަމަލަކީ ކުރީގެ ސަރުކާރުތަކުގައި ތިބިބަޔަކު ބިދޭސީން ގެންނަ އެޖެންޓުންނާ ގުޅިގެން ހިންގާފައިވާ ޚިޔާނާތެއްކަމަށާ، އެކަމަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަށްވުރެވެސް ބޮޑު އަދި އަނިޔާވެރި ޚިޔާނާތެއްކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ. އިމިގްރޭޝަންގެ ޤާނޫނުނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާގައި، ބިދޭސީންގެ މައްސަލައާއި ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ ދިވެހިން ކުރާ މަސައްކަތްތަކުގައި ބިދޭސީން ގިނަވެ، ބިދޭސީންގެ މައްސަލަ އިޖްތިމާޢީ ބޮޑު މައްސަލައަކަށްވެފައިވަނީ އެމީހުން ރާއްޖެއައިސް އަމިއްލައަށް ޕާސްޕޯޓް ވީދާލުމަށްފަހު ފިލައިގެންއުޅޭތީކަމަށް ދެކެވޭ ވާހަކަތަކަކީ އެންމެ ރަނގަޅު ވާހަކައެއް ނޫންކަމަށެވެ.

ބިދޭސީންގެ މައްސަލައަކީ މީގެ އެތައް އަހަރަކުއްސުރެ ދިވާމާވަމުން އައިސް މިދިޔަ ސަރުކާރުގެ ދުވަސްވަރު ބޮއްސުންލާފައިވާ މައްސަލައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބިދޭސީން ރާއްޖެ ގެނެސް އެމީހުންގެ ޕާސްޕޯޓްއަތުލުމަށްފަހު ބައެއް މީހުން އެމީހުން ނިކަމެތިކޮށްލާ ކަމަށާ އެއީ ސަރުކާރުގެ ތެރޭގައި ތިބޭ ބަޔާކާއި އޭޖެންޓުންގުޅިގެން ހިންގަމުންއައި އަމަލެއްކަމަށްވެސް މިނިސްޓަރ ތުހުމަތުކުރެއްވިއެވެ.

"މިމައްސަލައަކީ ކުރީއްސުރެ ހިނގަމުން އަންނަކަމެއް. ބޮޑުތަކުން ގޯސްވެގެންދިޔައީ ރައީސް ޔާމީނުގެ ސަރުކާރުގެ ފަހުކޮޅުގައި. ހަޤީގަތުގައި އެމްއެމްޕީއާރުސީ މައްސަލައަށްވުރެ މާބޮޑު އަދި މާ އަނިޔާވެރި ވައްކަމެއްމީ ހަޤީގަތުގައި. އެއީ މިއީ އިންސާނުންތަކަކަށް ހޭއަރުވާލައިގެން ކޮށްފައިވާ ވައްކަމެއް" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ހުށައަޅައިގެން ތަހުޤީގުކުރަމުންދާކަމަށާއި، މިކަން ތަހުޤީގުކުރާތާ 2 އަހަރެއްހާ ދުވެސްވެފައިވާކަމަށެވެ.