ކޯވިޑް19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ އިޤްތިޞާދު އަލުން ހިންގުމަށް އަންނަ މަހުގެ 16 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމަށް މަޝްވަރާކުރެވިފައި ވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އަލުން ފައްޓައި، ބޯޑަރު ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. މިމަސައްކަތުގައި އަދި ސީދާ ވަކި ތާރީހެއްގައި ބޯޑަރުހުޅުވާނެކަމުގެ ޔަގީންކަމެއް ނެތްނަމަވެސް މަޝްވަރާ ކުރެވިފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު ބޯޑަރު ހުޅުވުމަށްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ބޯޑަރު ހުޅުވައި އިޤުތިޞާދު ހުޅުވުމުގެ މަސައްކަތް ކުރަމުންދާއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އޮތީ އައު އާންމު ހާލަތުގައި ޚިދުމަތްދެވޭ ވަރަށް ތައްޔާރުވެފައިކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ނިއުނޯމަލްއަށް ދާއިރު ފްލައިޓް މޫވްމަންޓްސް ކުރިއާއި އަޅާބަލާއިރު %3 ދަށްވާނެކަމަށް އެމްއޭސީއެލްއިން ވަނީ އަންދާޒާކޮށްފައެވެ. އަދި ދުވާލަކު 10 އިންޓަނޭޝަނަލް ފުލައިޓް ޖައްސައި ޑޮމެސްޓިކް 15 ފުލައިޓާއި 20 ފުލައިޓާއި ދެމެދުގެ އަދަދަކަށް އޮޕަރޭޓްކުރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ރާއްޖޭގެ އިޤްތިޞާދު އަލުން ހުޅުވާލައި ފަތުރުވެރިންނަށް ހުޅުވާލާއިރު ކޯވިޑް-19 އާއި ގުޅިގެން އިތުރު އެއްވެސް ޓެކްސްއެއް އަދި ފީއެއްވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނުނެގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިމަހުގެ 17 ވަނަ ދުވަހު ފާސްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިންގައި ޓޫރިޒަމް އަލުން ފަށައިގަނެ ފަތުރުވެރިން ރާއްޖެ ގެންނައިރުު ޚާއްޞަ ހުއްދައިގެ ދަށުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކާއި، ޗާޓަޑް ފްލައިޓްތައް ޖެއްސުމަށް ފީއެއްގެ ގޮތުގައި ފަންސާސް ހާސް ޑޮލަރު ނެގުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ފަތުރުވެރިންގެ އަތުން ނަގާ ޚާއްޞަ ފީއެއްގެ ގޮތުގައި ސަތޭކަ ޑޮލަރު އަދި ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ކޮންމެ ފަތުރުވެރިއެއްގެ އަތުން 100 ޑޮލަރު ނަގާގޮތަށްވެސް ވަނީ ހިމަނާފައެވެ. ނަމަވެސް މަޖިލީހުން ގެނައި ބަދަލާއެކު އެ ފީތަކެއްވެސް ނުނަގާނެއެވެ.
މިމައްސަލާގައި ވާހަކަފުޅު ދެއްކެވި މެމްބަރުން ވަނީ މިހާލަތަކީ ރާއްޖޭގެ އިޤްތިޞާދު އަލުން ހުޅުވާލައި، އިޤްތިސާދު ހިނގައިގަތުމުގެ މަސައްކަތް ފެށޭވަގުތަށްވުމުން، ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްތަކެއް ނެގުމަކީ ރަނގަޅުގޮތަކަށް ނުވާނެކަމަށް ވިދާޅުވެފައެވެ. މިހާލަތުގައި އެންމެބޮޑު ސަމާލުކަމެއްދޭންވީ އިޤްތިޞާދު ފެށޭނެ ގޮތެއް ހަމަޖައްސާ ރާއްޖެއަށް ފައިސާވަންނާނެ ގޮތްތަކެއް ހޯދުންކަމަށެވެ.