ވިޔަފާރި

މޯލްޑިވިއަންގެ ކާގޯ ފްލައިޓުގައި 11 ޓަނުގެ މުދާ ގެނެސްފި


މޯލްޑިވިއަންގެ ކާގޯ ފްލައިޓުގައި ސްރީލަންކާއިން ރާއްޖެއަށް 11 ޓަނުގެ މުދާ ގެނެސްފިއެވެ.

މޯލްޑިވިއަންއިން ބުނީ ލަންކާއިން މިރޭ އައި ފްލައިޓްގައި 11.765 ޓަނުގެ މުދާ ގެނެސްފައިވާއިރު އޭގެތެރޭގައި ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ސިއްޙީ ސާމާނު ހިމެނޭ ކަމަށެވެ.

ކޯވިޑް-19 ފެތުރެން ފެށުމާއެކު ދުނިޔޭގެ އެއަރލައިންތައް ހުއްޓުމަކަށް އައުމާއި ގުޅިގެން ޤައުމަށް ގެންނަން ބޭނުންވާ ޒަރޫރީ މުދާ ގެނައުމުގެ މަސައްކަތުގެ ދަށުން މޯލްޑިވިއަންއިން ޗާޓަރ ދަތުރުތައް ފަށާފައިވަނީ މިދިޔަ މާޗުމަހުގެ 29 ވަނަ ދުވަހުއެވެ. މިގޮތުން މޯލްޑިވިއަނުން އަންނަނީ 5 މަންޒިލަކަށް ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ.

އެ 5 މަންޒިލަކީ :
• ކޮލޮމްބޯ
• ޓްރިވެންޑްރަމް
• ޗެންނާއީ
• ބެންކޮކް
• ދުބާއީ

މޯލްޑިވިއަންއިން ބުނީ މިދިޔަ ދުވަސްތަކުގެ ތެރޭގައި 700 ޓަނަށްވުރެ ގިނަ ކާގޯ ރާއްޖެއަށް ގެނެސްފައިވާކަމަށެވެ.

ކޯވިޑާ ގުޅިގެން ރާއްޖެއަށް ބޭހާއި ސިއްހީ ސާމާނުތައް ގެނައުމަށް ޙާއްސަ ދަތުރުތަކެއްވެސް މޯލްޑިވިއަންއިން ވަނީ ބާއްވާފައެވެ. އެގޮތުން މޯލްޑިއަން ކާގޯއިން ޗައިނާއަށް 3 ދަތުރުކޮށްފައިވާ ކަމަށް އެއަރލައިނުން ކުރިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއަށް މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން މި ބާއްވާ ޗާޓަރ ކާގޯ ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު އިތުރު މަންޒިލްތަކަށްވެސް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަނުން ބުނެއެވެ.