ޚަބަރު

ކޯވިޑް-19 : ރަނގަޅުވި މީހުންގެ އަދަދު 1800އަށްވުރެ މައްޗަށް


ކޯވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 15 މީހަކު ބަލިން ރަނގަޅުވެ، ރާއްޖޭގައި މި ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ ޢަދަދު 1803އަށް އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ޢެންމެ ފަހުން ހާމަކުރި މަޢުލޫމާތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 15 މީހެކެވެ. އިއްޔެ މިބަލިން ރަނގަޅުވީ 19 މީހެކެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ދެހާހުން މައްޗަށް އަރާފައިވާއިރު މި ބަލީގައި މިހާރު ފަރުވާ ދެވެމުން އަންނަނީ 387 މީހަކަށެވެ. އެހެންކަމުން ބަލީގައި ފަރުވާ ދެމުން އަންނަ މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބަލިން ޝިފާލިބި ރަނގަޅުވި މީހުންގެ ނިސްބަތް މިހާރު ވަނީ %80އަށް ވުރެ މައްޗަށް އަރާފައެވެ.

މިމަސް ފެށުނީއްސުރެ ކޯވިޑް-19އިން ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަމީހުން ބަލިން ރަނގަޅުވީކަމަށް އެޗްޕިއޭއިން ހާމަކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހު 229 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.