ޚަބަރު

ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި ޕަސިންޖަރ މޫވްމެންޓު އެކްސަސައިޒެއް ބާއްވައިފި


ގަން އިންޓަރނޭޝަނަލް އެއާޕޯޓް ގައި ޕެސެންޖަރ މޫވްމެންޓް، އެކްސަސައިޒެއް ބާއްވައިފިއެވެ.

މިއެކްސަސައިޒަކީ، ގަމުގެ ވައިގެ ބަނދަރުން އާންމު ދަތުރުތައް ފަށަންވާއިރަށް އެއާޕޯޓު އަދި އެއާޕޯޓާއި ގުޅުން ހުރި އެހެން މުޢައްސަސާތަކުގެ ޤާބިލްކަން ހުރި މިންވަރު ދެނެގަތުމުގެ ގޮތުން ބޭއްވި ފަރިތަކުރުމެއް ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނެއެވެ. އަދި މިއީ އައު އާންމު ޙާލަތަށް ފެތޭ ގޮތަށް ދަތުރުވެރިންގެ ޙަރަކާތްތައް މޮނިޓަރ ކުރުމުގެ އިންތިޒާމު ހަމަޖައްސަން މުހިންމު އެކްސަސައިޒެއް ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ.

މުޅިއެކު 200 އަށް ވުރެ ގިނަ މީހުން ބައިވެރިވި މިހަރަކާތުގައި ޗެކިން ކުރުމާއި ފްލައިޓް ބޯޑިން، އިމިގްރޭޝަން ކޮންޓްރޯލް، އެރައިވަލް މޫވްމެންޓް ވަނީ ބަލާފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެވައްމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މޭނޭޖިންގ ޑިރެކްޓަރ ގައިސް ނަޞީރު ވިދާޅުވީ، މިހަރަކާތުގެ ސަބަބުން ޓާރމިނަލުގައި އެއާޕޯޓުގެ މުވައްޒަފުންނަށް މިވަގުތު ހުރި ދަތިތައް ފާހަގަ ވެގެން ދިޔަ ކަމަށެވެ. އަދި މީގެ އިތުރުން އެއާޕޯޓަށް ބޭނުންވާ ސާމާނު ގެނައުމާއި އެފަދަ ނިންމުތައް ނިންމުމުގައި ފަސޭހަވެގެން ދާނެ ކަމަށްވެސް ގައިސް ވިދާޅުވިއެވެ.

މޭނޭޖިންގ ޑިރެކްޓަރ ވިދާޅުވީ އައްޑޫ އެއާޕޯޓު ޢާންމު ފްލައިޓްތަކަށް، އަންނަ މަހު ހުޅުވާލާނެކަމަށެވެ.