ޚަބަރު

މާލެ ސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި


މާލެ ސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ކޭތަ ނަމާދުކޮށްފިއެވެ. ކޭތަ ނަމާދު ކުރުންއޮތީ މިއަދު ހެނދުނު 10:30ގައި، އެރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތެއްގައެވެ.

ކޭތަ ނަމާދުގެ ޚުތުބާގައިވަނީ މިހާރު ކުރިމަތިވެފައިވާ ކޯވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ނަސޭހަތްތެރިވެ އެކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިހާރު ލުއިތައް ދެމުންއަންނައިރު، ކުއްލިއަކަށް ކުރިން އުޅުނު ގޮތްތަކަށް ހޭލަމޭލަވެ ނޫޅުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ކަމާއިބެހޭ އިދާރާތަކުން އަންގާ އެންގުންތަކާ އެއްގޮތަށް ޢަމަލުކުރުމަށްވަނީ ނަސޭހަތްތެރިވެފައެވެ. ގައިދުރުކަން އިސްކުރުމާއި، ސާފު ތާހިރުކަމާއި، ބޭރަށް ނިކުންނައިރު މާސްކްއެޅުމަށް އިސްކަންދިނުމަށްވެސްވަނީ ހަނދުމަކޮށްދީފައެވެ. އަދި މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ ޙާލު ބަލައި އެހީތެރިވުމާއި، އަވަށްޓެރިންގެ ޙާލުއަހުވާލު ބެލުމަށްވަނީ ޚުތުބާގައި ގޮވާލައްވާފައެވެ.

މިއަދު އިރުކޭތަ ހިފަން ފަށާފައިވަނީ ހެނދުނު 9:39ގައެވެ. އަދި އިރުކޭތަ ވީއްލާފައިވަނީ މެންދުރު 12:14ގައެވެ. އިރުކޭތަ ހިފާފައިވާތަން ރާއްޖެއަށް އެންމެ ބޮޑަށް ފެނިފައިވަނީ ހެނދުނު 10:51ގައެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ފުރިހަމަ އިރުކޭތައެއް ހިފާނެއެވެ. އެކަމަކު އެ އިރުކޭތަ ފެންނާނީ ދެކުނު އެމެރިކާ ބައްރުގެ އާޖެންޓީނާ އާއި ޗިލީއަށް އެކަންޏެވެ.

ރާއްޖެއަށް އެންމެފަހުން ފުރިހަމަ އިރުކޭތައެއް ފެނިފައި ވަނީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 15 ވީ ހުކުރު ދުވަހުގައެވެ.