ޚަބަރު

ކޯވިޑް-19 : މާމެންދޫ މޮނިޓަރިންގއަށް ނުލާން ނިންމައިފި


ގއ.މާމެންދޫ މޮނިޓަރިންގެ ޙާލަތަށް ނުލާން ނިންމައިފިއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މާމެންދޫއިން 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވި ނަމަވެސް އެ ތިން މީހުންނަކީ މާލެއިން އެރަށްގޮސް ހޯމް ކަރަންޓިންގައި ތިބި ބައެއްކަމަށެވެ. އެހެންކަމުން އެރަށް މޮނިޓަރިންއަށް ނުލުމަށް ނިންމާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މާމެންދޫއިން ޕޮޒިޓިވްވި 3 މީހުންގެ ކޮންޓެކްޓް ޓްރޭސީންގެ ނުވަތަ ސީދާ ދިމާވި މީހުން ދެނެގަތުމުގެ މަސައްކަތްކުރިއަށްދާއިރު އެ ތިން މީހުންނާއި ގުޅުންހުރި 13 މީހަކު ދެނެގަނެވިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ 13 މީހުން އައިސޮލޭޓް ނުވަތަ އެކަހެރިކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާއާއި އެކު ދަތުރުކުރި މާމެންދޫ 2 މީހުންނާއި، މާލެއިން އެމީހުންނާއި ދިމާވި 5 މީހުންނެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމީހުންނާއި ދިމާވި އެކަކުވެސް ހިމެނެއެވެ. މީގެ އިތުރުން ގއ.ގެމަނަފުށިންވެސް 5 މީހަކު އައިސޮލޭޓް ކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ކޫއްޑޫ މަގުން މާމެންދޫއަށް މި ދިޔައީ. މީގެ ތެރޭގައި ރިސޯޓް ކަރަންޓިންގައި 14 ދުވަސް ހަމަކޮށްފައިވެސް ދިޔަ މާމެންދޫ މީހެއް މި ފްލައިޓްގައި ދަތުރުކުރި. މި ޕޮޒިޓިވްވި 3 މީހުންނާއި ރިސޯޓް ކަރަންޓީން ނިންމާފަ ދިޔަމީހާއާއި ދިމާވި." މަބްރޫކް ވިދާޅުވިއެވެ.

ގއ.މާމެންދޫއިން 3 މީހަކު ޕޮޒިޓިވްވެފައިމިވަނީ މިމަހުގެ 13 ވަނަ ދުވަހު ކޫއްޑޫ މަގުން އެރަށަށް ގޮސް ހޯމް އައިސޮލޭޝަންގައި ތިބި ބައެކެވެ. މިއީ އެއް އައިލާއަކަށް ނިސްބަތްވާ 3 މީހުންނެވެ.