ޚަބަރު

ކަނޑުމަގުން މާދަމާ އިންޑިއާއަށް 250 މީހުން ގެންދަނީ


ކަނޑުމަގުން އިންޑިއާ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމަށް ބާއްވާ ފަސްވަނަ ދަތުރަށް، އިންޑިއަން ނޭވީގެ މަނަވަރު ރާއްޖެ އަތުވެއްޖެއެވެ.

ކަނޑުމަގުން މީހުން ގެންދިއުމަށް އިންޑިއާ ސަރުކާރުން ކުރިއަށްގެންދާ އޮޕަރޭޝަނަކީ، ދިވެހި ސަރުކާރާއި ގުޅިގެން ކުރިއަށްގެންދާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަނެވެ.

އައި.އެން.އެސް އައިރަވަތު ރާއްޖޭގައި މިހާރު ބަނދަރުކޮށްފައި ވާއިރު އިންޑިއާގެ 250 ރައްޔިތުން ގޮވައިގެން މާދަމާ އެމަނަވަރު ފުރާނެއެވެ. މި ދަތުރު ކުރާނީ މާލެއިން އިންޑިއާގެ ޓުޓިކޮރިންއަށެވެ.

އަނބުރާ ޤައުމަށް ނުދެވިތިބި އިންޑިއާ ރައްޔިތުން ކަނޑުމަގުން ޤައުމަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގައެވެ.

ކަނޑުމަގުން ކުރިއަށްގެންދާ ދަތުރުތަކުގެ އިތުރަށް ވައިގެ މަގުން ޤައުމަށް މީހުން ގެންދިއުމަށް، އިންޑިއާ ސަރުކާރުންދަނީ ޗަރޓަރ ފްލައިޓްތައްވެސް ރާއްޖެއަށް ބާއްވަމުންނެވެ. އެގޮތުން މިއަދުވެސް އިންޑިއާގެ 170މީހުންވަނީ ވައިގެ މަގުން އަންބުރާ ޤައުމަށް ފުރުވާލާފައެވެ..

ކަނޑުމަގުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި އެއްފަހަރާ 700 މީހުން އުފުލޭ މަނަވަރުތަކުގައިވެސް ވަނީ މީހުން އިންޑިއާއަށް ގެންގޮސްފައެވެ. މިފަދަ ދަތުރުތަކުގައި ފުރާ މީހުންގެ ޗެކިންގގެ ކަންކަން ބަލަހައްޓަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައެެވެ. އަދި މަނަވަރަށް، އެމްޕީއެލް ޕޯޓަށް މީހުން ގެންދަނީ އެމްޕީއެލް ބަސްތަކުގައެވެ.

މިގޮތަށް ގެންދާ މީހުންގެ ތެރޭގައި މާލޭގައި އުޅެމުން އަންނަ މީހުންނާއި، އަތޮޅުތަކުން ތިބި އިންޑިއާ ރައްޔިތުންނަށްދަނީ ފުރުސަތުދެމުންނެވެ. މިހާތަނަށް އިންޑިއާގެ 2000އަށްވުރެ ގިނަ މީހުންވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ..