ޚަބަރު

އައިކޮމްއިން ކުރެވުނު މަސައްކަތުގެ ރިޕޯޓު ފުރަތަމަ ފަހަރަށް އާންމުކޮށްފި


ފުރަބަންދުގެ ލުޔާއެކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރެވުނު މަސައްކަތުގެ މައްޗަށް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިޕޯޓު ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.

މި ރިޕޯޓު އާންމުކޮށްފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވެބްސައިޓާއި އައިކޮމްގެ ޓްވިޓަރ އަދި ފޭސްބުކް އެކައުންޓު މެދުވެރިކޮށެވެ. މި ރިޕޯޓަކީ ފުރަބަންދުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އެކުލަވައިލާ ކޮންމެ ދެ ހަފްތާއަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ރިޕޯޓެކެވެ.

މި ރިޕޯޓުގައި ފުރަބަންދުގެ ލުޔާއިއެކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހުޅުވުމުގައި ޢަމަލު ކުރަމުންދާ ގޮތާއި، މުވައްޒަފުންގެ ހާޒިރީ ބަލަހަށްޓަމުންދާ ގޮތާއި، އޮފީހަށް ހާޒިރުވެ މަސައްކަތްކުރި މުވައްޒަފުންނާއި، ގޭގައި ތިއްބަވައިގެން މަސައްކަތްކުރި މުވައްޒަފުންނާއި، އޮފީހަށް ލިބުނު އަދި ފޮނުވުނު ލިޔުންތަކުގެ ތަފުސީލާއި، ވޭތުވެދިޔަ ދެ ހަފްތާގައި ބޭއްވި ބައްދަލުވުންތަކުގެ ތަފްސީލާއި، ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތަފުސީލު ހިމަނާފައިވެއެވެ.

މި ރިޕޯޓު އާންމު ކުރުމުގެ މައިގަނޑު މަޤްޞަދަކީ، ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ބެހޭ މަޢުލޫމާތު އާންމުނަށް ފޯރުކޮށްދިނުމެވެ.

ކުރިއަށް އޮތްތަނުގައި ވެސް މި ގޮތަށް އެކުލަވައިލާ ރިޕޯޓުތަކާއި އަދި އެހެނިހެން މަޢުލޫމާތުތައް ހާމަކަން ބޮޑުގޮތެއްގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާންމުކުރާނެކަމަށް އެ އޮކޮމިޝަނުން ވިދާޅުވެއެވެ.