ޚަބަރު

ކޯވިޑް-19 : އިތުރު 82 މީހުން ބަލިން ރަނގަޅުވެ، ފަރުވާދޭ މީހުންގެ ޢަދަދު 368 އަށް ދަށްވެއްޖެ


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 82 މީހުން ރަނގަޅުވުމާއެކު ރާއްޖޭގައި މިބައްޔަށް ފަރުވާދޭ މީހުންގެ އަދަދު 368 އަށް ދަށްވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ އިރުއޮއްސި 6 އިން މިރޭގެ އިރުއޮއްސި 6 އާހަމައަށް ބަލިޖެހުނު މީހުންގެ ތެރެއިން 82 މީހަކުވަނީ ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19 އިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދުވަނީ 1759 އަށް އިތުރުވެފައެވެ. އަދި މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން %80 މީހުންމިވަނީ ބަލިން ރަނގަޅުވެފައެވެ.

ބަލިން ރަނގަޅިވާ މީހުން އިތުރުވެ، ކުރިއަށްވުރެ ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުމުން ފަރުވާދޭ މީހުްނ ނުވަތަ އެކްޓިވް ކޭސްތައް މިހާރުވަނީ މަދުވެފައެވެ. އެގޮތުން މިބައްޔަށް ފަރުވާދެމުންދާ މީހުންގެ ޖުމްލަ އަދަދަކީ 368އެވެ. މީގެ ތެރޭގައި ހިމެނެނީ 235 ބިދޭސީންނާއި 133 ދިވެހިންނެވެ.