ޚަބަރު

ވެންޓިލޭޓަރަށްފަހު އިލްކްްޓްރިކް މާސްކެއް މުއީދު އުފައްދައިފި


ކޮވިޑް-19ގެ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވި ތަފާތު ފިޔަވަޅުތައް އެޅުމާއިއެކު އެންމެ ގަދަޔަށް ދެކެވެން ފެށި އެއްވާހަކައަކީ، ރާއްޖެ ކަހަލަ އަމިއްލަ އުފެއްދުންތެރިކަން ދަށް ޤައުމެއްގައި މިޙާލަތު ދިގުލައިގެން ގޮސްފިނަމަ ވާނެ ގޮތާމެދުއެވެ. ޢިޤްތިޞާދީ ނަޒަކުން ބަލާއިރު ރާއްޖެ އެތެރެ ކުރަން ނެޖެހެނީ ވަރަށް މަދު ތަކެއްޗެވެ.

ނަމަވެސް މިހާލަތުގައި އުއްމީދު އާވާ ކަހަލަ ވާހަކަތަކެއްގެ ގޮތުން ޒުވާނުންގެ އުފެއްދުންތެރިކަމުގު ތަފާތު ހުނަރު ތަކުގެ ނަމޫނާ ތަކެއް މިވަނީ ފެންނަން ފަށާފައެވެެ. ވެންޓިލޭޓަރުން ފެށިގެން ގޮސް ގޭސް އުނދުން، ޕީޕީއީ އަދި ވިނަ ކޮށާ މެޝިންވެސް މިވަނީ އުފައްދާފައެވެ.

އައްޑޫސިޓީ މީދޫ އަށް ނިސްބަތްވާ އަހްމަދު މުއީދު މީހުންނަށް ފެނިގެން ދިޔައީ، އެމެޖެންސީ ހާލަތުގައި ބޭނުންކުރާނެ ވެންޓިލޭޓަރެއް ފަރުމާކޮށް އުފެއްދި ޒުވާނެއްގެ ގޮތުގައެވެ. އޭނާ ވަނީ މި ވެންޓިލޭޓަރަށް އިތުރު ބަދަލުތަކެއް ގެނެސް އޭގެ ފެއިލް ސޭފް ނިޒާމުވެސް ފުރިހަމަ ކޮށްފައެވެ.

މިފަހަރު އޭނާ އުފައްދާފައި މިވަނީ އިލެކްޓްރިކް މާސްކެކެވެ. މިއީ ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ އިލެކްޓްރިކް މާސްކެވެ. ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެމުން މުޢީދު ބުނީ، މި މާސް ފަރުމާކޮށް ތައްޔާރު ކުރުމަށް އޭނާ ފަސް ދުވަސް ހޭދަކުރި ކަމަށެވެ. އޭނާ ބުނި ގޮތުގައި އޭނާ މިމަސައްކަތުގައި ކޮންމެ ދުވަހަކުވެސް 16 ވަރަކަށް ގަޑި އިރު ހޭދަ ކުރަން ޖެހުނެވެ. މިމާސްކުގެ ޑިޒައިންއަށް ބަލާއިރު މާސްކުގައި މައިކްރޯފައިބަރ ދެ ފޮއްޗެއް ބޭނުންކޮށްގެން %95 އަށް ވައި ސާފު ކޮށްދެއެވެ.

މާސްކްގައި ހަރުކުރެވިފައިވާ ބްރަޝްލެސް މޯޓަރު ނިޒާމުން ބޭރުގައި ހުންނަ ވައި އެތެރެއަށް ދަމައިގަނެއެވެ.
މިއީ މެދު ނުކެނޑި 7 ގަޑި އިރަށް ވުރެގިނަ އިރު ބޭނުން ކުރެވޭނެ މާސްކެއް ކަމަށް މުއީދު ބުނެއެވެ. މާސްކުގައި 3.7 ވޮލްޓް ބެޓްރިއެއް ވަނީ ހަރު ކޮށްފައެވެ. އަދި މިބެޓްރި ޗާރޖު ކުރުމަށް މައިކްރޯ ޔޫއެސްބީ ޕޯޓެއް ވެސް ވަނީ ހަރުކޮށްފައެވެ. މިމާސްކުގެ އެންމެ ޚާއްސަ ކަމަކީ، މިއީ އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުން ކުރެވޭ އެއްޗަކަށްވުމެވެ.

މުއީދު ބުނީ އޭނާގެ މިމާސްކު ވަރަށް އަވަހަށް އާންމުނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ. މިމާސްކަކީ ހުރިހާ އެންމެންނަށްވެސް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މާސްކްކެވެ.

ރާއްޖެ އައު އާންމު ހާލަތަކަށް ދާއިރު މާސްކް އަކީ މުހިންމު އެޗެކެވެ. ބޭރަށް ނިކުމެ އުޅޭއިރު އެންމެ ރައްކާތެރި ގޮތަކީ މާސްކް އަޅަގައިގެން ނިކުތުން ކަމަށް ސިއްޙީ މާހިރުން ލަފާދެއެވެ. އެހެން ކަމުން މުޢީދު ފަދަ ޒުވާނުންގެ މިފަދަ އުފެއްދުން ތަކަކީ މިހާލަތުގައި މުހިންމު ތަކެއްޗަށް ވެގެންދާނެއެވެ.

ޣައުމީ ޚިޔާލު

މިކަހަލަ ޒުވަަނުން ނަށް ފުރުސަތު ދީނުން ވަރަށް ބޭނުން.