ޚަބަރު

ކޯވިޑް-19 : 21 ކޮންޓައިންމަންޓް ސައިޓެއް މޮނިޓަރިންގެ ހާލަތުން ދޫކޮށްލައިފި


ކޮންޓައިންމަންޓް ސައިޓްތައް ނުވަތަ ބަލި ފެތުރުމުގެ ފުރުޞަތު ބޮޑު ތަންތަނުގެ ގޮތުގައި ފާހަގަކުރެވި މޮނިޓަރިންއަށް ލާފައިވާ 21 ތަނެއް ދޫކޮށްލާފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ކޮންޓެއިންމަންޓް ސައިޓްތައް ނުވަތަ ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭ އަދި ގިނަ ޢަދަދެއްގެ މީހުން އެއްތަނެއްގައި ދިރިއުޅޭ ތަންތަނުގެ ގޮތުގައި ފާހަގަކުރެވި ބަލަހައްޓަމުން ދިޔަ 21 ތަނެއް މިއަދު މޮނިޓަރިން އިން ދޫކޮށްލާފައިވާކަމަށެވެ. މިހާތަނަށް އެޗްޕީއޭއިން ދިޔައީ އެފަދަ 41 ތަނެއް ފުލުހުން މެދުވެރިކޮށް ބަލަހައްޓަމުންނެވެ.

މަބްރޫކް ވިދާޅުވީ، މީގެ ތެރެއިން 21 ތަނެއް ދޫކޮށްލީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންގެ އިރުޝާދާއި އެކުކަމަށެވެ. އެފަދަ ތަންތަން ދޫކޮށްލަނީ އެތަންތަން ބަލަހައްޓާތާ 45 ދުވަސްވެފައިވުމާއެކު އެތަންތަނުން އިތުރު ކޭސްތަކެއް ނުފެންނާތީކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެފަދަ ކޮންޓައިންމަންޓް ސައިޓްތައް މޮނިޓަރިން އިން ދޫކޮށްލުމުގެ ކުރިން އެތަންތަނުގައި ދިރިއުޅޭ މީހުންގެ ވަކިވަކި މަޢުލޫމާތާއި ބައެއް މީހުންގެ ސާމްޕަލްވެސް ނަގާފައިވާކަަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮންޓައިންމަންޓް ސައިޓްތަކުގައި ގިނައިން ދިރިއުޅެމުން އަންނަނީ ބިދޭސީންނެވެ. ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީވެސް ބިދޭސީންނެވެ. އެގޮތުން މިހާތަނަށް 1390 ބިދޭސީން ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.