ކޯވިޑް-19ގެ ހާލަތުން އަރައިގަތުމުގައި ދިވެހިރާއްޖެއިން އދގެ އޭޖެންސީތަކުގެ އެހީ ހޯދުމަށް މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކޮށްފައިވަނީ، ރާއްޖޭގައި މަސައްކަތްކުރާ އދގެ ހުރިހާ އެޖެންސީއަކާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވީޑިއޯ ކޯލްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އދ އިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ތަނބުތައްކަމަށްވާ އިންސާނީ ހައްޤުތަކާއި، ޑިމޮކްރަސީ އަދި މޫސުމީ ބަދަލުތަކާ ބެހޭ ގޮތުންވެސް އެޖެންސީތަކާއެކު މިނިސްޓަރ ޝާހިދު ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނާއި، ކުރިއަށް އެޅުމަށް ރާވަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިނިސްޓަރ ޝާޙިދު ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި ނޭޝަނަލް ޓާސްކް ފޯސްއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހުއްސާކުރައްވައި، އދގެ ބައެއް އެޖެންސީތަކުން ޓާސްކް ފޯސްއާއެކު މުހިންމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮވިޑް-19ގެ ޙާލަތާއި ކުރިމަތިލުމުގައި އދގެ އެހީތެރިކަން ލިބުނު ފަދައިން، ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި އދގެ އެހީތެރިކަން ރާއްޖެއަށް އިންތިހާއަށް ބޭނުންވާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކެތަރިން ހެސްވަލް ވަނީ ސަރުކާރަށް އދގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި ބައްދަލުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އދގެ އެޖެންސީތަކުން ވަނީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެ އެޖެންސީތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މިނިސްޓަރ ޝާހިދަށް އަރުވައި، ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭން ނިންމާފައިވާ އެހީތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދެއްވާފައެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އދގެ އެޖެންސީތަކުން ވަނީ ތައުރީފްކޮށްފައެވެ.