ތަރައްްޤީ

އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތްތައް ނިމުމަކާ ގާތަށް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ސީޕްލޭން ޓަރމިނަލުގެ މަސައްކަތް ނިމުމަކާ ގާތަށް ޖެހިލާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް އިން ވިދާޅުވެއްޖެއެވެ.

ވީ.އައި.އޭ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން ހުޅުލޭގައި ޢިމާރާތްކުރާ އައު ސީޕްލޭން ޓަރމިނަލަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރަމުންދާ ޓަރމިނަލެކެވެ. މި ޓަރމިނަލް ޢިމާރާތްކުރުމަށް ހުޅުލޭގެ ފަޅުން 3.5 ހެކްޓަރުގެ ސަރަޙައްދެއް ހިއްކާފައިވާއިރު، ސީޕްލޭން ޓަރމިނަލްގެ މަސައްކަތް ކުރަމުންދަނީ އައު ރަންވޭގެ މަސައްކަތްވެސް ކޮށްފައިވާ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީންނެވެ.

އެމް.އޭ.ސީ.އެލުން ވިދާޅުވީ، އައު ސީޕްލޭން ޓަރމިނަލްގެ ޢިމާރާތް ހިޔާކޮށް، ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށެވެ. އަދި ޢިމާރާތުގެ އެތެރޭގައި ކުރަންޖެހޭ މަސައްކަތްތަކުގެ 90 އިންސައްތަ އެއްކޮށް ނިމިފައިވާއިރު، ސީޕްލޭނަށް މީހުން އަރާފޭބުމަށް ބޭނުންކުރަން ހަދާ ޑޮކްތަކުގެ ފުރަތަމަ ފިޔަވަހީގެ 80 އިންސައްތަ މަސައްކަތްވެސް ނިމިފައިވާކަމެށެވެ. މި ޑޮކްތަކުގައި އަޅަންޖެހޭ ފިއުލް ލައިންތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

އައު ސީޕްލޭން ޓަރމިނަލްގެ ގާތްގަނޑަކަށް 95 އިންސައްތަށް މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރަން ހުރީ ގާތްގަނޑަކަށް މަސްދުވަހުގެ މަސައްކަތްކަމަށް އެމް.އޭ.ސީ.އެލްގެ އޮފިޝަލަކު ވަނީ ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދީފައެވެ.

އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތް މިއަހަރުގެ މެއިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމް.އޭ.ސީ.އެލުން ކުރިން ވިދާޅުވެފައިވީނަމަވެސް ކޯވިޑް-19ގެ ސަބަބުން އެއަރޕޯޓުގައި ކުރިއަށްދާ ތަރައްޤީ މަޝްރޫޢުތަކުގެ މަސައްކަތުގެ ސްޕީޑަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެހެންކަމުން މިހާރު އައު ސީޕްލޭން ޓަރމިނަލުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ސީދާ ތާރީޚެއް އެމް.އޭ.ސީ.އެލުން ހާމަކޮށްފައެއްނުވެއެވެ.

އަށާވީސް ހާސް އަކަމީޓަރުގެ ޖާގައިގެ ފްލޯރ ސްޕޭސްއަކާއެކު 4 ފަންގިފިލާއަށް ތަރައްޤީކުރާ އައު ސީޕްލޭން ޓަރމިނަލުން ވީ.ވީ.އައި.ޕީގެ ޚިދުމަތާއި، ޕަސެންޖަރުންނަށް ޙާއްސަ ލޮބީތަކާއި ލައުންޖްތަކުގެ އިތުރުން އޮފީސް މަސައްކަތަށް ޙާއްސަ ތަނެއްވެސް ހުންނާނެއެވެ. އަދި ސީޕްލޭންގެ އޮޕަރޭޝަންތަކަށް މިހާރު ބޭނުންކުރާ ޑޮކްތަކުގެ ޖާގަ 50 އިންސައްތަ އިތުރުވެ، އަށްޑިހައަށްވުރެ ގިނަ ސީޕްލޭންނަށް އޮޕަރޭޓްކުރެވޭނެކަމަށްވެސް އެމް.އޭ.ސީ.އެލުން މަޢުލޫމާތުދެއެވެ.

ސީޕްލޭންގެ ޚިދުމަތަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ބޮޑު ޑިމާންޑެއް އޮންނަ ޚިދުމަތަކަށްވެފައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ސީޕްލޭންގެ ޚިދުމަތްދޭ ކުންފުނިތަކުން އަންނަނީ ސީޕްލޭންތަކުގެ އަދަދު އިތުރުކުރަމުންނެވެ.