ވިޔަފާރި

ރާއްޖޭގެ އުފެއްދުންތެރިކަން މިއަހަރު 11.5 އިންސައްތަ ދަށްވާނެ


ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން މިއަހަރު 11.5 އިންސައްތަ ދަށްވާނެކަމަށް ލަފާކޮށްފިއެވެ.

2020 ވަނަ އަހަރު ޤައުމީ އުފެއްދުންތެރިކަން ކުރިއަރާނެކަމަށް ދައުލަތުން ކުރިން ލަފާކޮށްފައިވަނީ 7.5 އިންސަތައިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ޙިއްސާއެއް އޮންނަ ފަތުރުވެރިކަމުގެ ދާއިރާ ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމާއެކު ސަރުކާރުން މިއަހަރު 2 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވީނަމަވެސް ރާއްޖެއަށް މިއަހަރު އަންނާނެކަމަށް މިހާރު ލަފާކުރެވެނީ 980000 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ރާއްޖޭގެ އިޤްތިސާދު ކުރިއަރާފައިވަނީ 5.7 އިންސައްތައެވެ. މި އަހަރު އުފެއްދުންތެރިކަން އިތުރުވާ މިންވަރަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާ 12.7 އިންސައްތައިން ކުރިއަރާނެކަމަށް ބަޖެޓު އެކުލަވާލިއިރު ދައުލަތުން ލަފާކޮށްފައިވއެވެ. އަދި އިމާރާތްކުރުމުގެ ދާއިރާވެސް މިއަހަރު ކުރިއަރަން ފަށާނެކަމަށް ލަފާކޮށްފައިވެއެވެ. އެހެންނަމަވެސް ކޯވިޑް-19އާ ގުޅިގެން ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.

މިދިޔަ އޭޕްރީލްމަހުގެތެރޭ ވޯލްޑް ބޭންކުން ނެރެފައިވާ "އޭޝިއާ އިކޮނޮމިކް ފޯކަސް" ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އުފެއްދުންތެރިކަން މިއަހަރު 13 އާއި 8.5 އިންސައްތައާ ދެމެދު އަދަދަކުން ދަށަށްދާނެއެވެ.

ވޯލްޑު ބޭންކުން ބުނެފައިވަނީ ދެކުނު އޭޝިއާގެ ޤައުމުތަކަށް ކޯވިޑް-19ގެ ސަބަބުން ލިބޭ އިޤްތިސާދީ ލޮޅުމުން އަރައިގަނެވޭނީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ވަރަށް އަވަހަށް އަޅައިގެން ކަމަށެވެ.

ވޯލްޑް ބޭންކުން ނެރެފައިވާ ރިޕޯޓުގައި ދެކުނު އޭޝިއާގެ ޤައުމުތަކުގެ އުފެއްދުންތެރިކަމަށް ކޮވިޑް-19ގެ ސަބަބުން އަންނާނެ ލޮޅުންތައް އަންދާޒާކޮށްފައެވެ. މިގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އިޤްތިސަދީ ގޮތުން އުފެއްދުންތެރިކަމަށް އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ޤައުމެއްގެ ގޮތުގައި މިރިޕޯޓުގައި ފާހަގަކޮށްފައިވަނީ ރާއްޖެއެވެ. މިސަރަހައްދުގެ 8 ޤައުމެއް މިރިޕޯޓުގައި ހިމަނާފައިވާއިރު، މީގެތެރޭގައި އަފްޤާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ހިމެނެއެވެ.