ވިޔަފާރި

އިތުރު 12 ބިލިއަން ރުފިޔާ ބޭނުންވޭ- ފިނޭންސް މިނިސްޓަރ


ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީގެ އިތުރުން 12 ބިލިއަނެއްހާ ރުފިޔާ ބޭނުންވާ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށަށްގޮސްފައިވާއިރު، ދައުލަތުގެ ހިންގުމަށާއި ޙަރަދުތަކަށް ގިނަ އަދަދެއްގެ ފައިސާ ހޯދަން ޖެހިފައިވާ ކަމަށެވެ.

މިއަހަރަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށްވަނީ ލަފާކޮށްފައެވެ. އެހެން ނަމަވެސް މިހާރު ލަފާކުރެވެނީ ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ލިބޭނީ 15.81 ބިލިއަން ރުފިޔާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރު ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ދައުލަތަށް 19 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. މިއަހަރަށް ބަޖެޓް ފާސްކުރިއިރު ބަޖެޓް ޑެފިސިޓް 6 ބިލިއަން ރުފިޔާގައި ހުއްޓަސް ޑެފިސިޓް 15.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް މިހާރު ލަފާކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަންނަ އަހަރު ފައިނޭންސިންގ ގެޕް އެބަހުރި 16-17 ބިލިއަނެއްހާ ރުފިޔާގެ، މިއަހަރު އަދި ހޯދަން އެބަޖެހީ 12 ބިލިއަނެއްހާ ރުފިޔާ، އެކި ގޮތްގޮތުން،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކޮށް މިހާރު އޮތް ހާލަތުން އަރައިގަތުމަށް 2 އަހަރުދުވަސް ނަގާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން އާމްދަނީ ދަށްވެ، ސަރުކާރުގެ ޚަރަދުތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިއާއެކު ސަރުކާރުންދަނީ އެހީދޭ ފަރާތްތަކާއި ޤައުމުތަކުން މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.