މުނިފޫހިފިލުވުން

އަޒްމަން - ދިވެހި ފިލްމް އިންޑަސްޓްރީއަށް އުއްމީދީ މޫނެއް


"އަބަދު އެއް މޫނުތަކެއް ފެންނަނީ" ދިވެހި ފިލްމެއް ބަލަންގޮސްފިނަމަ މިއީ އާއްމުކޮށްވެސް އިވޭނެ އަޑެކެވެ.

ތެދެކެވެ. ދިވެހި ފިލްމް އިންޑަސްޓްރީއަށް އައު މޫނުތައް ތަޢާރަފްވާލެއް ނިސްބަތުން މަދުކަމަަށް ބުނެވިދާނެއެވެ. އެހެން އެ ދިމާވަނީ ފިލްމީ ދާއިރާއިން ރާއްޖޭގައި ކުރިއަަށްދާން ހުރި ފުރުޞަތުތައް މަދުވުން ނުވަތަ އެ ދާއިރާއިން މީހުން ބިނާކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭތީކަމަށް ޚުދު މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުންވެސް ފާހަގަކުރެއެވެ. ނަމަވެސް ދިވެހި ފިލްމް އިންޑަސްޓްރީގައިވެސް ޒަމާނީ ރަހަތަކާއި ކުލަޖެހި، މިދާއިރާއަށް ޒުވާނުން ވަންނަމުންދާކަމީ އިންޑަސްޓްރީއަށް އިތުރު ދިރުމެއް ގެނުވާނެކަމެއްކަން ޔަޤީނެވެ.

އެގޮތުން މި ރިޕޯޓް މި ޚާއްސަކޮށްލަނީ އެފަދަ ޒުވާން މޫނެއްގެ ވާހަކަ ގެނެސްދިނުމަށެވެ. ދިވެހިންގެ ތެރޭގައި އާއްމުވަމުންދާ އިޖްތިމާޢީ މުހިއްމު މައްސަލަތަކަކަށް ޚާއްސަކޮށްގެން އަޙުމަދު އިޤްބާލް (އައިކިޔު) ލިޔެފައިވާ "އެހެނަސް ހަމަ ލޯބިވެޔޭ…" ވާހަކަ އަސްލަކަށް ބަލައިގެން އުފެއްދި ވެބްސީރީޒް "އެހެނަސް" އަކީ ގިނަ ބައެއްގެ ޝަޢުގުވެރިކަން ލިބުނު ސީރީޒެކެވެ. ރަވީ ފާރޫޤު ޑައިރެކްޓުކުރާ މި ވެބްސީރީޒްގެ ފުރަތަމަ ސީޒަންގެ ކާމިޔަބީއަށްފަހު ދެވަނަ ސީޒަން ޕްރިމިއަރ ކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މިފަހަރުގެ ސީޒަނަށް މުޅިން އަލަށް ގުޅޭ އެއް މޫނަކީ "ފާރިޝް"ގެ ރޯލުން ފެނިގެންދާ ޢަބްދު ﷲ އަޒްމަންއެވެ.

ފުވައްމުލައް ސިޓީއަށް އުފަން އުމުރުން 25 އަހަރުގެ ޢަބްދު ﷲ އަޒްމަންއަކީ ފެންނަ ފެނުމަށް "ސީރިއަސް އަޕްޓައިޓް" މީހެއްކަމަށް ގިނަ މީހުންނަށް ހީވިނަމަވެސް، އަޒްމަން އޭނާގެ އަމިއްލަ ނަފްޞު ސިފަކުރަނީ މުޅިން އިދިކޮޅަށެވެ. އަޒްމަން ބުނާގޮތުން އޭނާއަކީ "ވަރަށް މަޖާ، ސަކަ" މިޒާޖެއްގެ މީހެކެވެ. ވަޒީފާ އަދާކުރަމުން ލިބޭ ހުސްވަގުތުތަކުގައި ކެއްކުމާއި، ކުރެހުމާއި، ނެށުން ނުވަތަ ގޭތެރެ ސާފުކުރުމަކީ ހޮބީއެއްގެގޮތުގައި އަޒްމަން ކޮށްއުޅޭ ކަންކަމެވެ.

މޮޑެލްކުރުމަކީ ކުރިން ކުރަން ބޭނުންވި ކަމެއްނޫން، ހުރިހާ ޝުކުރެއެއް "ހެސްކިޔާފަ ޕްރޮޓީންސް"އަށް


އެއީ މީގެ 5 ވަރަކަށް އަހަރު ކުރިއެވެ. ކިޔަވާ ނިންމުމަށްފަހު ދިރިއުޅެމުންދިޔައީ ރާއްޖޭން ބޭރުގައެވެ. އޭރު އޭނާގެ ހަށިގަނޑު މިހާރު ހުރިހާ ފިޓެއްނޫނެވެ. ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަޒްމަންއަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ "ހެސްކިޔާފަ ޕްރޮޓީންސް"ގެ ފަރާތުންނެވެ.

"އޭރު ފުދޭވަރަކަށް ޗަބީކޮށް ހުންނަނީ. ދެން ހެސްކިޔާފަ ޕްރޮޓީންސްގެ ފަރާތުން ލިބުނު ޓިޕްސްއާއި އެމީހުންގެ އެހީގައި ބަރުދަން ލުއިކުރަން ފެށީ. މާލެއައިރު މީހާގެ ހަށިގަނޑު ވަރަށް ބަދަލުވެފައި ހުރީ. އަޒްމަންގެ ޓްރާންސްފޮމޭޝަން ސޯޝަލް މީޑިއާގައި ހިއްސާކުރި ހިސާބުން އަސްލު މޮޑެލް ކުރަން ޗާންސް ލިބެން ފެށީ" އަޒްމަން ބުންޏެވެ.

އޭރުން ފެށިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި، ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަށްޓަކާ ކޮންމެ ދުވަހަކުވެސް މަދުވެގެން 1 ގަޑިއިރު ވަންދެން އަޒްމަން ވޯކްއައުޓް ޖައްސައެވެ. އަދި ކެއިންބުއިމަށް ބޭނުންކުރާ އެއްޗެއްސަށާއި، ކާ ގަޑިތަކަށް އޭނާ ޚާއްސަ ސަމާލުކަމެއް ބަހައްޓައެވެ. މީގެ އިތުރުން ނިންޖަކީވެސް މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަމުން، ކޮންމެ ދުވަހަކުވެސް ނިދިހަމަ ކުރެވޭތޯ ބަލައެވެ.

މޮޑެލްކުރުމަކީ އެއްވެސް އިރެއްގައި އަޒްމަން ކުރިއަށްދާން އުއްމީދު ކުރި ދާއިރާއެއްނޫނެވެ. މޮޑެލްކޮށްފާނަމެކޭ އޭނާގެ ހިތަކަށްވެސް ނާރައެވެ.

އެކަން ކުރަން ފުރުޞަތު ލިބުމުން "ކުރާނީބާއޭ، ނުކުރާނީބާއޭ" ހިތާހުރެފައި، އަޒްމަން ފޮޓޯޝޫޓު ޖައްސަން ފެށީ އަޖުމަ ބަލާލުމަށެވެ. އޭނާގެ މޮޑެލިންގް ކެރިއަރގެ ފެށުމަކީ އެއީއެވެ. 2017 ވަނަ އަހަރުން ފެށިގެން ތަފާތު ފޮޓޯ ޝޫޓްތައް ނަގާފައިވާއިރު، އަޒްމަންއަށް އަދިވެސް އެންމެ ކަމުދަނީ ރާއްޖޭގެ ގްލެމަރ އިންޑަސްޓްރީއަށް ޚާއްސަކޮށްގެން ނެރޭ "ވައިބް މެގަޒިން" އަށް ކޮށްދިން ފޮޓޯ ޝޫޓެވެ.

މިދާއިރާއަށް އަޒްމަން ވަނީ މޮޑެލްކުރުމާބެހޭ މާ ގިނަ އެއްޗެތިތަކެއް ދަސްކޮށްގެނެއްނޫނެވެ. ފޮޓޯތަކަށް ފުރަތަމަ ޕޯސްދޭންފެށީ ފޮޓޯގްރަފަރުންގެ އިރުޝާދާއެކު އެމީހުން ބުނާގޮތަށެވެ. ނެޗުރަލްކޮށް ޕޯސްތައްދެވޭ ފަހަރުތަކާއި، އެކަން ކުރަން އުނދަގޫވެގެން އުޅެންޖެހޭ ހާލަތުވެސް އަޒްމަން ތަޖުރިބާކުރެއެވެ. ނަމަވެސް މިހާރު އެކަން ކުރަން ލޯބިޖެހި، މޮޑެލްކުރުމާގުޅޭ ކަންކަން އޭނާ އަންނަނީ ދަސްކުރަމުންނެވެ.

"އެހެނަސް"ގެ ފުރަތަމަ ސީޒަނުންވެސް ފުރުޞަތު ލިބުނު


އަޒްމަންއަކީ ތަފާތު ކަންކަން ތަޖުރިބާކޮށް، އަމިއްލަ ނަފްސު އެކްސްޕްލޯކުރަން ބޭނުންވާ ޒުވާނެކެވެ. އެހެންކަމުން ހަމައެކަނި މޮޑެލްކޮށްގެން ފުއްދާލާކަށް ބޭނުމެއްނުވިއެވެ. ކެމެރާއަށް ބިރުކެނޑި، ދެން އޭނާ ބޭނުންވީ އެކްޓްކުރާށެވެ.

"އެހެނަސް" ވެބްސީރީޒްއަކީ ޒުވާން ގިނަ މޫނުތަކެއް ދިވެހި ފިލްމް އިންޑަސްޓްރީއަށް ތަޢާރަފުކޮށްދިން ސީރީޒެކެވެ. ފުރަތަމަ ސީޒަނަށް ބަލާއިރުވެސް މެއިން ކާސްޓުންގެ ގޮތުގައި ފެނިފައިވަނީ މި ދާއިރާއަށް މުޅިން އާ މޫނުތަކެކެވެ. އެމީހުންގެ އެކްޓިންއަށް ގިނަ ބަޔަކު ތަޢުރީފުވެސްކޮށްފައިވެއެވެ. އެނގޭ ހެއްޔެވެ؟ އަޒްމަންއަށްވެސް "އެހެނަސް"ގެ ފުރަތަމަ ސީޒަންގެ މުހިއްމު ރޯލަކުން އޮފަރ ލިބުނެވެ. ނަމަވެސް އޭރު އޭނާ އެފުރުޞަތު ދޫކޮށްލީއެވެ.

އޭގެ ދުވަސްތަކެއްފަހުން، ސީޒަން-2 ގައި "ފާރިޝް"ގެ ރޯލު ކުޅެދޭނެ ކުއްޖަކު ބޭނުންވެގެން، އެ ރޯލަށް އޮޑިޝަންކުރުމުގެ ފުރުޞަތު "އެހެނަސް" ޕްރޮޑަކްޝަންގެ ޓީމުން އޭނާއަށް ހުށަހެޅިއެވެ. މިފަހަރު ލިބުނު ފުރުޞަތުގެ ބޭނުން އަޒްމަން ހިފީއެވެ. އޮޑިޝަނަށް ދިޔައީ މާބޮޑަށް އެކަމަށް ތައްޔާރުވެގެނެއްވެސް ނޫނެވެ. ނަމަވެސް ޕްރޮޑަކްޝަން ޓީމަށް އަޒްމަންގެ އޮޑިޝަން ކަމުދިޔުމުން، "ފާރިޝް"ގެ ރޯލަށް އޭނާ ހޮވުނެވެ.

"މާބޮޑަކަށް ޕްރެކްޓިސެއް ނުކުރަން. އޮޑިޝަނަށް ގޮސް، ލައިންތައް ދިނީމަ ފާރިޝްގެ ސީނެއް ކުޅެލީ. ހަޔާތުގައިވެސް އެކްޓްކުރަން އޮޑިޝަނެއް ދިން ފުރަތަމަ ފަހަރު އެއީ. ކުޑަކޮށް ހާސްވި ފުރަތަމަ ފަހަރުވީމަ. އެކަމު ކެރެކްޓަރއަށް ރަނގަޅަށް ވަދެވުނީމަ ހާސްކަން ފިލައިފި. އެހެން ކުދިންތަކެއްވެސް އޮޑިޝަންދިން އެހެންވީމަ މި ޗާންސް ލިބިދާނެކަމަކަށް އުއްމީދެއްވެސް ނުކުރަން" އަޒްމަން ބުންޏެވެ.

"އެހެނަސް" ސީޒަން - 2 ގެ އޮފިޝަލް ޓަރެއިލަރ މިހާރު އާއްމުކޮށްފައިވާއިރު، މިފަހަރުގެ ސީޒަނުން ފެންނާނެ މުހިއްމު މޫނުތައް ވަނީ ދައްކާލާފައިއެވެ. އެގޮތުން ކުރިންވެސް ފެނުނު ބައެއް ކެރެކްޓަރތަކާއި، މުޅިން އަލަށް ގުޅޭ ކެރެކްޓަރތައް ހިމެނެއެވެ. އަޒްމަން ބުނިގޮތުގައި، އޭނާއަކީ މި ދާއިރާއަށް އައު މީހަކަށްވިޔަސް، ޝޫޓިންގގެ ތެރެއިން އެއްވެސް މީހަކު އެކަން އޭނާއަށް އިޙްސާސްވިޔަ ނުދޭކަމަށެވެ.

"އެމީހުން ވަރަށް ވެލްކަމިންގ. އުނދަގުލެއްނުވި އެމީހުންނާއި އެއްކޮށް އެޑްޖަސްޓްވާކަށް. ޝޫޓިންގ ތެރެއިންވެސް އެހީވޭ. ދިގު ޑައިލޮގްތައް ހަނދާން ބަހައްޓާނެގޮތާއި، އިމޯޝަންސް ގެންނާނެގޮތް ކިޔައިދޭ. ވަރަށް އެކުވެރި ޓީމެއް، އެހެންވެ ޝޫޓިންގެ ކަންކަން ވަރަށް ރަނގަޅަށް ދިޔައީ" އަޒްމަން ބުނެފައިވެއެވެ.

އިޤްބާލު، ރިޝްމީ، އަދި ރަވީއަށް ޚާއްސަ ޝުކުރެއް


ފިލްމީ ދާއިރާގައި ކުރާ ފުރަތަމަ މަސައްކަތް އަޒްމަން ސިފަކުރަނީ އެތައް ކަންތައްތަކެއް ދަސްވި މަސައްކަތެއްގެ ގޮތުގައެވެ. ފިލްމެއް ނުވަތަ ސީރީޒެއް އުފައްދަން ބަޔަކު ކުރާ ބުރަ މަސައްކަތް މިހާރު އޭނާއަށް ވަޒަންކޮށްލެވެއެވެ. އެންމެ މަންޒަރެއް ފުރިހަމަކުރަންވެސް އެތައް ޝޮޓެއް ނަގަންޖެހުމާއި، އެތައް ފަހަރު ޑައިލޮގްތައް ކިޔަންޖެހުން ޚުދު އަޒްމަންއަށްވެސް މިހާރު ތަޖުރިބާކުރެވިއްޖެއެވެ.

"އެހެނަސް" ސީޒަން - 2 ގެ ޝޫޓިންގގެ ކަންކަން ކުރިއަށްދިޔައިރު، އަޒްމަންއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ ކޯ-ސްޓާރުންނާއި، ޕްރޮޑަކްޝަން ޓީމުގެ ފަރާތުން ލިބުނު ހިފެހެއްޓުމެއްނެތް އެހީތެރިކަމާއި، އެއްބާރުލުމެއެވެ. ވަކިން ޚާއްސަކޮށް "ފާރިޝް"ގެ ކެރެކްޓަރއަށް ވަނުމަށްޓަކާ ލިބުނު އެންމެ ބޮޑު ހިތްވަރަކީ މިދާއިރާގައި މިހާރުވެސް މަސައްކަތްކުރާ، އަދި ބެލުންތެރިންގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ ބަޔަކު އޭނާގެ "މެންޓޯރ" އެއްގެ ގޮތުގައި ތިބުމެވެ.

އަޒްމަން ބުނިގޮތުގައި އޭނާ "ފާރިޝް"ގެ ކެރެކްޓަރއަށް ހެދުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ ސީރީޒްގެ ޕްރޮޑިއުސަރ އިޤްބާލާއި، ޑައިރެކްޓަރ ރަވީއާއި ރިޝްމީގެ ފަރާތުންނެވެ. އަދި އެމީހުންގެ ފަރާތުން ލިބޭ ހެޔޮ ބަސްތަކާއެކު، މިކަން ކުރަން މީހާ އިތުރަށް މޯޓިވޭޓްވާކަމަށް އޭނާ ކިޔައިދިނެވެ.

"ބައެއް ފަހަރު އައުޓް އޮފް ކެރެކްޓަރގައި ޑައިލޮގް ބުނެވިއްޖެއްޔާ ގެންނަންވީ އިމޯޝަންސާއި ޓޯން އެމީހުން އަމިއްލައަށް ޑިމޮންސްޓްރޭޓްކޮށްދީގެން ކިޔައިދޭ. އަޒްމަންގެ ފަރާތުން އެންމެ ފުރިހަމަ ޕަރފޯމެންސް ނެރެވޭތޯ އަބަދުވެސް އެމީހުން ބަލާ. ކުޑަ ޑީޓެއިލެއް ކިޔައިދޭންވިޔަސް ހަމަ ރެޑީގައި ތިބެނީ" އަޒްމަން ބުންޏެވެ.

މިކަމުގެ ތެރެއިން އަޒްމަންއަށް ލިބުނު އެންމެ ބޮޑު އުފަލަކީ އޭނާގެ މަސައްކަތް "އެހެނަސް"ގެ ޕްރޮޑަކްޝަން ޓީމުން ބަލައިގަތުމެވެ. އެގޮތުން އެކްޓްކުރުން ރަނގަޅުކަމަށާއި، "ފާރިޝް"ގެ ރޯލަށް އޭނާ ނެގުނީތީ އުފާކުރާކަން އެމީހުންގެ ފަރާތުން ބުނެފައިވާކަމަށާއި، އެކަން އޭނާ ސިފަކުރަނީ މި ދާއިރާއިން ކުރިއަށްދާން ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައެވެ.

"އިޤްބާލު ފަރާތުންވެސް އެކްޓިންގ ވަރަށް ފުރިހަމަކަމާއި، ހިތްހަމަޖެހޭކަމާއި އަހަރެން އެރޯލަށް ނެގުނީތީ އުފާވާކަމަށްބުނި. ރިޝްމީވެސް ބުނި ކެރެކްޓަރ ވަރަށް ރަނގަޅަށް ޑެލިވަރކޮށްދިން ވާހަކަ. އަދި އެ ރޯލަށް ހަމަ އެންމެ ޕާފެކްޓް މީހާއޭ މިހުރީ ހޯދިފައި. އަސްލު މި ދާއިރާއިން ކުރިއަށްދާން ވަރަށް އިންސްޕަޔަރވޭ އެކަހަލަ ފީޑް ބެކްސް ލިބުނީމަ" އަޒްމަން ބުނެފައިވެއެވެ.

މޮޑެލްކުރުމާއި، ފިލްމީ ދާއިރާއިން އަދިވެސް ކުރިއަށްދާން ބޭނުން

"އެހެނަސް" ސީޒަން - 2 އަކާއެކު އަޒްމަން ހުރީ ފިލްމް އިންޑަސްޓްރީން ކުރިއަށްދިޔުމަށް އަޒުމް ކަނޑައަޅައިގެންނެވެ. ނަމަވެސް އޭނާ އެންމެ އިސްކަންދޭނީ އަދާކުރާ ވަޒީފާއަށް ކަމަށާއި، ވަގުތު ލިބޭ ވަރަކުން މޮޑެލްކުރުން ނުވަތަ ފިލްމް ކުޅެން ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފާނެކަށް އަޒްމަން ބުނެއެވެ.

"ކޮމެންޓްތަކަަށް ބަލާފައި ވަރަށް ހިތްހަމަޖެހޭ. ބައެއް ސީންތައް ފެނުނީމަ ހިތަށްއަރާ އެއީ ހަމަ އަަހަރެން ބާއޭވެސް. ވަރަށް ތަފާތު އިޙްސާސެއް ކުރެވެނީ. މިގޮތުގައި ހަަމަ ކުރިއަށްދާން ބޭނުމީ" އަޒްމަން ބުންޏެވެ.

އަޒްމަން ޤަބޫލުކުރާގޮތުން ހިތްވަރާއެކު ކެރިގެން ކޮންމެކަމަކާވެސް ކުރިމަތިލާނަމަ، ތިމާއަށް ޙާޞިލުނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ހުވަފެން ދެކުމަށާއި، އެ ހުވަފެން ހަޤީޤަތަކަށް ހަދަން ފަސްނުޖެހި މަސައްކަތްކުރުމަކީ މި ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް އަޒްމަން ދޭން ބޭނުންވި މެސެޖެވެ.

"ކޮންމެ ކަމެއްވެސް ފަށާއިރު އެކިވަރުގެ ގޮންޖެހުންތަކާ ކުރިމަތިވާނެ. ހީނުކުރާފަދަ ކަންކަމާވެސް ކުރިމަތިލާންޖެހޭނެ. އެކަމަށް ކުރީބައިގައި މެންޓަލީވެސް ތައްޔާރުވެގެން ކުރިއަށްދިޔާއީމަ ކާމިޔާބީއާއި ހިސާބަށް ވާޞިލްވެވޭނެ" އަޒްމަން ބުންޏެވެ.

ކޮންމެއަކަސް "އެހެނަސް" ސީޒަން - 2 ބައިސްކޯފުގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ދެވަނަ ސީޒަންގެ އޮފިޝަލް ޓްރެއިލަރއިން ފެނިގެންދާ މަންޒަރުތަކާއި، ސީރީޒާއި ގުޅޭ އައު މޫނުތަކާއެކު، ފުރަތަމަ ސީޒަނަށްވުރެވެސް ދެވަނަ ސީޒަން ޝަޢުގުވެރިވާނެކަމަށް ބެލެވެއެވެ. ބެލުންތެރިން ހަމަ ކުޑަކުޑަ އިންތިޒާރެއްކޮށްލައްވާށެވެ.