ޚަބަރު

ޖަމާޢަތުގައި ނަމާދުކުރަން ހުއްދަ ނުދިނީ ބަލިފެތުރުމުގެ ފުރުޞަތު ބޮޑުކަމުން - މިނިސްޓަރ


މާލޭގެ މިސްކިތްތަކުގައި ޖަމާޢަތް ހެދުމުގެ ހުއްދަ އަދި ނުދީއޮތީ ގައިދުުރުކޮށްގެން ޖަމާޢަތުގައި ނަމާދުކުރިނަމަވެސް އެއްވަގުތެއްގައި ގިނަބަޔަކު އެއްވާނަމަ ބަލިފެތުރުމުގެ ފުރުޞަތު އަދިވެސް އޮތުމުންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ ފުރަބަންދަށް ދިން ލުއިތަކާއެކު މިސްކިތްތަކުގައި ނަމާދުކުރެވޭގޮތަށް ހުޅުވާލިނަމަވެސް ޖަމާޢަތް ނުހެދޭތީ ގިނަބަޔަކު އެސުވާލުކުރަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފުރަބަންދާއެކު މިސްކިތްތަކުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލަން ސަރުކާރުން ނިންމީ ވަރަށް ގިނަ ގޮތްގޮތުން އެކި ފަހަރުމަތިން އިލްމުވެރިންނާއި، ޑޮކްޓަރުންނާއި މަޝްވަރާކޮށް ހާލަތަށް ރިޢާޔަތްކުރުމަށްފަހުކަމަށެވެ. އަދި މިހާރު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އާންމުނަށް ނަމާދުކުރެވޭގޮތަށް ހުޅުވާލީވެސް ޖަމާޢަތް ހެދުމާއި ގުޅޭގޮތުންވެސް ޑޮކްޓަރުންނާއި އިލްމުވެރިންނާއި މަޝްވަރާކުރުމަށްފަހުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ގިނަ ބަޔަކު ޖަމާވެ ޖަމާޢަތް ހަދައިގެންވެސް ނަމާދުކުރުން އެންމެ ރަނގަޅު ނޫންކަމަށް ޑޮކްޓަރުން ލަފާދެއްވަނީ. ކޮމިއުނިޓީ ސްޕްރެޑެއް އޮތީމަ ބަލި ހުރީ ކާކު ގައިގަކަން ނޭނގޭތީ ބަލިފެތުރުމަށް މަގުފަހިވާކަމަކަށްވާތީވެ މިނިންމީ މިހާލަތުގައި މިސްކިތްތައް ހުޅުވާފައި ބަހައްޓާފައި ވަކިވަކިން އައިސް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސަން" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރެވޭނެ ގޮތްވުމަކީ އިސްލާމިކް މިނިސްޓްރީންވެސް ވަރަށްބޮޑަށް ބޭނުންވާކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އުންމީދަކީ އަވަސް މުސްތަޤްބަލެއްގައި މާލޭގެ މިސްކިތްތަކުގައިވެސް ޖަމާޢަތުގައި ނަމާދު ކުރެވޭނެފަދަ ޙާލަތަކަށް ދިއުންކަމަށެވެ. މިހާރުގެ ޙާލަތަށް ބަލާއިރު އަދިވެސް ބަލި ފެތުރުމުގެ ބިރުވެރިކަން އޮތްކަމަށް ސިއްޙީ މާހިރުން ލަފާދެއްވާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"އެހާލަތު އަދިވެސް އެބައޮތް. އެހާލަތު އަދިވެސް އޮތިއްޔާ އަޅުގަނޑުމެންނަށް ޖަމާޢަތުގައި ނަމާދުކުރެވޭނެ ގޮތެއްނެތް މިހާލަތުގައި" މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

މިސްކިތްތަކުގައި ވަކިވަކިން ނަމާދުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ މިދަނޑިވަޅުގައިވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައިގެން މިސްކިތަށް ދިއުމަށް އިސްލާމިކް މިނިސްޓަރ ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.