ޚަބަރު

އީއައިބީއިން ރާއްޖެއަށް 20 މިލިއަން ޔޫރޯގެ ލޯންއެހީ ދޭން ނިންމައިފި


ރާއްޖޭގެ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ޔޫރަޕިއަން އިންވެސްޓްމަންޓު ބޭންކް، އީއައިބީއިން ރާއްޖެއަށް 20 މިލިއަން ޔޫރޯގެ ލޯނު އެހީ ދިނުމާއިބެހޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސްއާއި އީއައިބީއިން ސޮއިކޮށްފިއެވެ.

މިއެއްބަސްވުމަކީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކޮށް، ރާއްޖޭގެ އެކި ދާއިރާތައް ނެގެހެއްޓުމަށް އެހީތެރިވުމަށް ދެވޭ ލޯނު އެހީއެކެވެ. މިއެހީގެ ދަށުން ރާއްޖޭގެ ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ޕްރޮޖެކްޓް ތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ ވަޒީފާތައް ސަލާމަތްކޮށްދިނުމަށް އެހީތެރިވާނެއެވެ.

މިއީ އޭޝިޔާގެ ޤައުމުތަކަށް ކޯވިޑް-19ގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް އީއައިބީން ކުރިޔަށް ގެންދާ ލޯންއެހީ ޕްރޮގްރާމްގެ ދަށުން މިގޮތަށް ދޫކުރާ ފުރަތަމަ އެހީއެވެ. މިލޯން އެހީ ޕްރޮގްރާމްގެ ދަށުން އޭޝިޔާ ޤައުމުތަކަށް 5.2 ބިލިއަން ޔޫރޯގެ ލޯނު އެހީދިނުމަށް އެބޭންކުން ވަނީ ނިންމާފައެވެ.

އީއައިބީއިން ރާއްޖެއަށްދޭ މިލޯން އެހީ ފޯރުކޮށްދޭނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. މިލޯނު އެހީއާއިބެހޭ ގޮތުން އީއައިބީގެ ވައިސް ޕްރެޒިޑެންޓް އެންޑްރޫ މެކްޑޯވެލް ވިދާޅުވީ މިއީ ކޯވިޑް-19 އަށްފަހު ރާއްޖޭގެ އިޤްތިސާދު އާރާސްތުކޮށް ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ސަލާމަތްކޮށް، ވަޒީފާތައް ރައްކާތެރިކުރުމަށް އެހީވުމަށް ދެވޭ ލޯނެއް ކަމަށެވެ. އަދ މީގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު އަލުން އާރާސްތުކުރުމަށް ކުރާ މަސައްކަތް އަވަސްވާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިލޯނު އެހީއާއި ބެހޭ ގޮތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އާމީރު ވިދާޅުވީ މި ލޯނު އެހީ ލިބިފައިމިވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ކުދި ވިޔަފާރިތަކާއި، މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑު ދަތިތަކަކާއި ކުރިމަތިވަމުންދާ ދަނޑިވަޅެއްގައިކަމަށެވެ. އަދި ސަރުކާރުން އިޤްތިސާދީ ގޮތުން ލިބޭ ލޮޅުންތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދިޔަޔަސް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވާކަމަށެވެ. އެހެންކަމުން މިފަދަ އެހީތަކަކީ ކުދި ވިޔަފާރިތައް ނަގަހައްޓާ ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭ ބާރެއްކަމަށެވެ. އަދި އީއައިބީގެ މިއެހީއިން އެނގިގެންދަނީ އީޔޫއާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުންކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކާއި، ގިނަ ބައެއްގެ ވަޒީފާ ރައްކާތެރިކުރުމަށް ފުރުސަތު ފަހިވެގެން ދާކަމަށް ވިދާޅުވެ، ފިނޭންސް މިނިސްޓަރ ވަނީ އީއައިބީއަށް ޝުކުރު އަދާކުރައްވާފައެވެ.

އީއައިބީއިން ދަނީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މީގެ ކުރިން ދެފަހަރެއްގެ މަތިން އެ ބޭންކުން ވަނީ ރާއްޖެއަށް އެހީވެދީފައެވެ. އީއައިބީއަކީ އދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތައް ހާސިލްކުރުމަށް ޤައުމުތަކުން ކުރާ މަސައްކަތްތަކަށް އެކި ގޮތް ގޮތުން އެހީތެރިވަމުން އަންނަ ބޭންކެކެވެ. އެގޮތުން ސިއްހަތާއި ދުޅަހެޔޮކަމާއި، މަސައްކަތުގެ މާހައުލާއި، އިޤްތިސާދީ ކުރިއެރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތަކާއި މުޖުތަމައުތައް ތަރައްޤީކުރުމާއިބެހޭ ލަނޑުދަޑި ހާސިލްކުރުމުގައި އީއައިބީއިން ދަނީ ޤައުމުތަކަށް އެހީތެރިވަމުންނެވެ.