ޚަބަރު

"އަދިވެސް ރާއްކާތެރި ގޮތަކީ ޑެލިވަރީގެ ޚިދުމަތް ހޯދުން"


ފުރަބަންދަށް ލުއިތަކެއް ދީ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން ޓޭކްއަވޭގެ ޚިދުމަތް ފެށިޔަސް، އަދިވެސް އެންމެ ރައްކާތެރި ގޮތަކީ ޑެލިވަރީގެ ނިޒާމަށް ބޮޑަށް ބަރޯސާވުންކަން ޤަބޫލުކުރުމަށް މާލެ ސިޓީގެ މޭޔަރު ސިފާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

މޭޔަރު މިގޮތަށް އިލްތިމާސްކުރައްވާފައި މިވަނީ ފުރަބަންދަށްފަހު މާލެ ސަރަޙައްދަށް ދިން ލުއިތަކާއެކު މިއަދު ކެފޭ ރެސްޓޯރެންޓްތަކާއި، މާރުކޭޓުތަކުން ޓޭކްއަވޭގެ ޚިދުމަތްތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ޕީއެސްއެމް ނިއުސްއުސްއަށް މަޢުލުމާތުދެއްވަމުން، މޭޔަރު ސިފާ މުޙައްމަދު ވިދާޅުވީ އައު އާދަތަކާއެކު ޓޭކްއަވޭގެ ޚިދުމަތް ފެށުމުގެ ހުއްދަ ދިނަސް، މި ޙާލަތުގައި އަޅުގަނޑުމެން ބަލައިގެންދފައިވާ ރަނގަޅު އާދަތައް ދޫ ނުކޮށްލުމަށް ގޮވާލައްވާކަމަށެވެ. އެގޮތުން ޓޭކްއަވޭގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ޚިދުމަތް ހޯދާ މީހުންވެސް، ގައިދުރުކަމުގެ މިންގަނޑު ހިފަހައްޓައި މާސްކާއި އަންގި ބޭނުންކުރުމަށް މޭޔަރު ގޮވާލެއްވިއެވެ. ވަކިން ޚާއްސަކޮށް މަސް މާރުކޭޓުން ޓޭކް އަވޭގެ ޚިދުމަތް ހޯދާ މީހުން މިކަމަށް ސަމާލުވުމަށް މޭޔަރ ގޮވާލެއްވިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި ޓުވީޓް

އަންނަ މަހުގެތެރޭ މާލޭގެ ލޯކަލް މާރުކެޓް ހުޅުވަން މާލެ ސިޓީ ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. މާރުކޭޓު ހުޅުވާލާއިރު އަމަލުކުރާނެ ޤަވާޢިދުތަކާއި އުސޫލުތައް ގޮޅިތަކުގައި ތިބޭ ފަރާތްތަކާއި މަޝްވަރާކޮށްގެން ދަނީ ތައްޔާރުކުރަމުންނެވެ. މި އުސޫލުތަކުގެ ދަށުން މާރުކޭޓުތައް އަލަށް ހުޅުވާލާއިރު ކޮންމެ ގޮޅިއެއްގައި ތިބޭ މީހުންގެ ޢަދަދު ކަނޑައެޅި ފާސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެއެވެސް ގޮޅިއެއްގައި ބިދޭސީއަކަށް ކޭޝިއަރަކަށް ނުހުރެވޭނެކަމަށާ، ބިދޭސީއަކަށް ގޮޅީގައި ހުރެވޭނީ ސުޕަވައިޒްކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްފަހުއެވެ.

މީގެ އިތުރުން މާރުކޭޓް ސަރަހައްދުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މާރުކޭޓު ސަރަހައްދުގައި ހުރި އަތޮޅު ފިހާރަތައް ވެމްކޯގައި ރަޖިސްޓަރކޮށް ކުނި އުކާލުމުގެ އިންތިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.