ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން އޭޕްރީލްމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 40 އިންސަތަ ދަށްވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މަރޗުމަހުގެ 27ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި އެކު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ. މިއާއެކު އޭޕްރީލްމަހުގެ ތެރޭ ރާއްޖެއަށް އެއްވެސް ފަތުރުވެރިއެއް އައިސްފައި ނުވުމުން މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މިންވަރު ވަނީ ބޮޑުތަނުން ދަށްވެފައެވެ.
ތަފާސްހިސާބުތައް ދަށްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 4 މަސްދުވަސްތެރޭ ރާއްޖެއަށް ވަނީ 646092 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެހެން ނަމަވެސް މިއަހަރުގެ ފުރަތަމަ 4 މަސްދުވަސްތެރޭ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 382760 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް 163،114 ފަތުރުވެރިން އައިސްފައިވެއެވެ.
ސަރުކާރުން ދަނީ އަންނަމަހުގެ އެއްވަނަ ދުވަހު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އައު އާއްމު ހާލަތުގައި އަމަލުކުރާނެ ގައިޑުލައިނެއް އެކުލަވާލާ ކަމާއި ގުޅުންހުރި ފަރާތްތައް އެ ގައިޑުލައިނަށް އަހުލުވެރިކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
ކޯވިޑް-19 އާއި ގުޅިގެން މިއަހަރު ތެރޭ ރާއްޖެއަށް ޒިޔާރަތްކުރާނެ ފަތުރުވެރިންގެ އަދަދު ދަށްވާނެ ކަމަށްވަނީ ލަފާކުރެވިފައެވެ. މިއާއެކު މިއަހަރު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގައި ކުރިއަށް ގެންގޮސްފައިވާ ސަރވޭތަކުންވެސް ދައްކާގޮތުން ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ތިބީ ރާއްޖެއަށް ޒިޔާރަތްކުރުމަށް ބޭނުންވެފައެވެ. އަދި ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ގިނަ އަދަދެއް ފަތުރުވެރިން ދެކޭކަމަށްވެސް ސަރވޭތަކުގެ ނަތީޖާތަކުން ދައްކައެވެ.
ނިމިގެން ދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެކެވެ. އެގޮތުން އަހަރު ނިމުނު އިރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ.