މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ކޯވިޑް19 އާއި ގުޅިގެން އިޤްތިޞާދީ އަދި އިޖްތިމާޢީ މައްސަލަތަކުން އަރައިގަތުމަށް ރިޕޯޓެއް އެކުލަވާލައި ސަރުކާރާއި ހަވާލުކުރުން ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި ރާއްޖޭގެ އިޤްތިސާދު ބައްޓަންކުރަންވީ ގޮތް ވަރަށްސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ. ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމުގެ ދައިރާއަށް ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި، ދަނޑުވެރިކަން އާލާކޮށް އެދާރާތަކަށް ފުރުސަތު ހުޅުވާލުމަކީ މެމްމަބަރުން ނުހަނުބޮޑަށް ފާހަގަކޮށްފައިވާ ކަންތައްތަކެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަސްވެރިކަން ފުޅާކޮށް ހިންގުމަށްޓަކައި މަސްވެރިކަމުގައި ބާނާ ކަޅުބިލަމަހުގެ ވިޔަފާރި ޢާންމުކޮށް ހުޅުވާލައިފައިވާކަމީ މިދަނޑިވަޅުގައިލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މަސްވެރިކަމާއި ބެހޭ ބިލެއް 2019 ވަނަ އަހަރުގެ ފަހު ދައުރުގެ ތެރޭގައި ނިމި ވުޖޫދުކުރެވިފައިވާއިރު، މަސްވެރިކަން ދިރުވުމަށްޓަކައި މިޙާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހިފައިވަކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
" ރާއްޖޭގެ އިޤްތިޞާދު އަލުން އަބުރާ މިސްރާބު ބަދަލުކުރަންޖެހޭ. ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުމަކީ އެންމެ ރަނގަޅު ގޮތެއްނޫން. މެމްބަރުންގެ ލަފަޔަކީ ވީވަރަކުން، އެހެން ސިނާއްތަތައް ތަރައްގީކުރުން. އެހެންސިނާއަތަތްއަކުންވެސް އާމްދަނީ ހޯދުން. 2019 ވަނަ އަހަރު ފަހު ދައުރުގެ ތެރޭގައި މަސްވެރިކަމާއިބެހޭ ބިލް ވަނީ ނިމިފަ. މިހާރުވަނީ ކަޅުބިލަ މަސްގަތުން އާންމުކޮށް ހުޅުވާލާފަ. ކުރިން މިކަންވެސް ކުރެވުމުގެ ފުރުސަތު އޮންނަނީ 3 ކުންފުންޏަކަށް" މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ ދަށަށްދާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ދައުލަތުން ކޮންމެ މަހަކު މުސާރަ ދިނުމަށް ސިވިލްސާވިސްގެ މުވައްޒިފުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒިފުންނާއިއެކު 64،000 އަށްވުރެ ގިނަ މުވައްޒިފުންތިބިކަމަށެވެ. މުސާރަ ދިނުމަށްކޮންމެ މަހަކު 700 މިލިޔަން ރުފިޔާ ޚަރަދުވާއިރު، މިދިޔަ މަހުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއަކީ 200 މިލިޔަން ރުފިޔާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
" އިޤްތިޞާދުދަނީ ވަރަށްބޮޑަށް ހީނަރުވަމުން. ފަތުރުވެރިކަން ކުއްލިއަކަށް އެންމެ ދުވަހަކުން ހުއްޓުމަކަށް އައުމުން ރާއްޖެއަށް ފައިސާލިބޭނެ އިތުރުގޮތެއްނެތް. އާންމުކޮށް ދައުލަތުގެ ޚަރަދުތައްކުރުމަށް މަހެއްގެ މައްޗަށް 1.2 ބިލިޔަން ރުފިޔާ ޚަރަދުވޭ. ނަމަވެސް މިދިޔަ މަހު ލިބުނީ 200 މިލިޔަން ރުފިޔާ. އަޅުގަނޑުމެން އަންދާޒާ މިކުރަނީ ޖުލައިމަހު ފަތުރުވެރިކަންފެށި، މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ފަރުވެރިކަން %30 ގައި ހިފެހެއްޓުން. އިރާދަކުރެއްވިއްޔާ އަންނަ އަހަރު އަދި މާބޮޑުތަނުންވެސް ރަނގަޅުވާނެ" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރާ އަސަރުތައް ކުޑަކޮށް އިޤްތިޞާދީ އަދަވަޅުން އަރައިގަތުމަށް އަންނަ މަހުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ފަރުވެރިކަން އިޝްތިހާރު ކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންދާއިރު، ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް އައުމުގެ ޝައުގުވެރިކަން ފާޅުކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައުމަށްޓަކައި ބުކިން ހަދަމުންދާކަމަށް ޓްވަރިޒަމް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.