ކޯވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިން ދިކަމުގައިވީނަމަވެސް ގައިދުރުކަން އިސްކޮށް، އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
ކޯވިޑް19 އާއި ގުޅިގެން މިއަދު ދިން ލުއިތަކާއި ގުޅިގެން ނައިބް ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިލުއިތަކާއިއެކުގައިވެސް ޞިއްޚީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި މުޖުތަމައުގެ ސަލަމާތަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ބަލި ފެތުރުން ކުޑަކުރެވޭނީ ސިއްޙީ ބޭފުޅުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރެވިގެންކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.
"ފުރަބަންދަށް ލުއިތަކެއް ލިބުނު ހިނދު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ގައިދުރުކަން ބަހައްޓަވަން. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރެއްވުމާއެކު، ބަލި ފެތުރުން ކުޑަކުރަން ސިއްޙީ ފަރާތްތަކުން ދެއްވާ އިރުޝާދާ އެއްގޮތަށް އަމަލު ކުރައްވާ" ނައިބް ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
މާލެއިން ކޯވިޑް 19 ފެނުނާއި އެކު މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދަށް މިވަނީ ލުއިތަކެއް ދީފައެވެ. މިގޮތުން މިއަދުން ފެށިގެން ފަތިހު 5:00 އިން ރޭނގަޑު 22:00 އަށް އެއްވެސް ހުއްދައަކާއި ނުލާ ބޭރަށް ނުކުމެ އުޅެވޭނެއެވެ. އަދި ހުރިހާ ރީޓެއިލް ވިޔަފާރިތައްވެސް ވަނީ އާއްމުކޮށް ހުޅުވާލާ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 10:00 އަށް ހިދުމަތް ދިނުމުގެ ހުއްދަވަނީ ދީފައެވެ. އެނޫން ވަގުތުތަކުގައި ޑެލިވަރީގެ ހިދުމަތްވެސް ނުދެވޭނެކަން އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ފުރަބަންދުގެ ލުއިތަކާއިއެކު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އާއްމުކޮށް ނަމާދުކުރުމުގެ ހުއްދަވެސް ިއސްލާމިކް މިނިސްޓްރީން ވަނީ ދެއްވާފައެވެ. މިސްކިތްތައް އާއްމުކޮށް ހުޅުވާލިނަމަވެސް އަދި ޖަމާއަތުގައި ނަމާދެއް ނުކުރާނެއެވެ. އަދި މިސްކިތައް ދާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން މާސްކް އަޅައިގެން އަމިއްލަ މުސައްލަ ހިފައިގެން ދިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.