ޚަބަރު

މަގުމަތިން ޓެކްސީ ނުނަގާތި، ރައްކާތެރިއެއް ނޫން


ގުޅައިގެންނާއި، އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދުމަށް ސަމާލްކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ. ޓެކްސީ ޚިދުމަތް ދޭއިރު ޓެކްސީތަކުގައި ހުންނަޖެހޭ ޚާއްސަ މިންގަނޑުތަކެއް އެޗްޕީއޭއިންވަނީ ކަނޑައަޅާފައެވެ.

ނިއު ނޯމަލްގެ ލުއިތަކާއެކު އެއްގަމު ދަތުރުފަތުރުގެ ލުއިތައްވެސްވަނީ ދޭންފަށާފައެވެ. ގިނަ ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް މާލޭ ސަރަޙައްދުގައި އެންމެ ބޮޑަށް ބަރޯސާވަނީ ސައިކަލާއި ޓެކްސީއަށެވެ. ޓެކްސީގެ ޚިދުމަތަކީ މާލެ ސަރަޙައްދުގައި ޑިމާންޑް ބޮޑު ޚިދުމަތެކެވެ. ޓެކްސީ ސެންޓަރަށް ގުޅައިގެން ޓެކްސީ ނުލިބުމުން، ޓެކްސީ ހޯދަން ޖެހޭނީ މަގުމަތިންނެވެ. އަދި ގިނަ ފަހަރަށް އެރޭ ޓެކްސީތަކަކީ އެހެން ދަތުރެއްގައިދާ ޓެކްސީއެއްކަން ފާހަގަކޮށްލެވެއެވެ.

ކޯވިޑް 19ގެ ލޮކްޑައުންއާ ގުޅިގެން ޓެކްސީގެ އާއްމު ޚިދުމަތްތައްވެސް އޮތީ މެދުކަނޑާލާފައެވެ. ޓެކްސީ ދަތުރުކުރެވެނީ ވަކި ޚާއްސަ ހުއްދައަކާއެކުއެވެ. ނަމަވެސް ލޮކްޑައުންއަށް ދިން ލުއިތަކާއެކު އަނެއްކާވެސް އާއްމު އުސޫލުގެދަށުން އެޗްޕީއޭއިންވަނީ ޓެކްސީތަކަށް ހުއްދަ ދީފައެވެ. ނަމަވެސް އާއްމު އުސޫލުގެދަށުން ޚިދުމަތްދެވޭނީ ލޮކްޑައުންއަށް ލުއިދީފައިވާ ވަގުތު ކަމަށްވާ ފަތިހު 05 އިން ރޭގަނޑު 10ޖެހުމާއި ހަމައަށެވެ.

ޓެކްސީ ޚިދުމަތް ދިނުމުގައި ޓެކްސީތަކުގައި ހުންނަޖެހޭ ޚާއްސަ މިންގަނޑުތަކެއް އެޗްޕީއޭއިންވަނީ ކަނޑައަޅާފައެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ޓެކްސީގެ ކުރީސީޓުތަކާއި ފަހަތު ސީޓާއި ދެމެދު ޕަރޓިޝަނެއް ހަރުކުރުމެވެ. މިހާރުވެސް ގިނަ ޓެކްސީތަކުގައި މިގޮތަށް ދެފަރާތް ފެންނަ ފަދަ ޕަރޓިޝަން ޖަހައިގެންވަނީ ޚިދުމަތްދޭން ފަށާފައެވެ. ކާރުގެ ވިންޑްޝީލްޑްތައްވެސް ހުންނަންވާނީ ހުޅުވާފައެވެ.

ޓެކްސީގައި ޚިދުމަތް ހޯދާ މީހުންނަށް ތިބެވޭނީ ޓެކްސީގެ ފަހަތު ސީޓުގައި އެކަންޏެވެ. އަދި ދެ ދަތުރު އެއްކޮށްލައިގެން ނުކުރުމަށްވެސް ޓެކްސީތަކަށްވަނީ އަންގާފައެވެ. ޓެކްސީތައް ބޭނުންކުރާއިރު، ޑްރައިވަރުވެސް އަދި ޚިދުމަތް ހޯދާ މީހުންވެސް ތިބެންވާނީ މާސްކް އަޅައިގެންނެވެ.

މަގުމަތިން ޓެކްސީ ނުނެގުމަށް އަންގާފައިވާއިރު، ގުޅައިގެންނާއި އެޕްލިކޭޝަން މެދުވެރިކޮށް ދަތުރު ނެގުމަށްވަނީ އިރުޝާދުދީފައެވެ. އަދި ދަތުރަށްފަހު ފައިސާ ދެއްކުމުގައި ނަގުދު ފައިސާގެ ބަދަލު އޮންލައިންކޮށް ފައިސާދެއްކުމަށް އިސްކަންދިނުމަށްވަނީ އަންގާފައެވެ.

ދަތުރުތަކާއި ގުޅޭ މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބެހެއްޓުމަށް، ޓެކްސީތަކަށް އެޗްޕީއޭއިންވަނީ އަންގާފައެވެ. މިގޮތަށް މަޢުލޫމާތު ރައްކާކުރުމަށް އަންގާފައިވަނީ ބަލި ޖެހިފައިވާ މީހެއް ފެނިއްޖެނަމަ، ކޮންޓެކްޓް ޓްރޭސްކުރުމަށް ފަސޭހަކުރުމަށެވެ.

ރައްކާތެރިކަމުގެ ގޮތުން ޓެކްސީގެ ސާފުތާހިރުކަމަށް ޚާއްސަ އިސްކަމެއް ދޭންޖެހެއެވެ. އެގޮތުން ޚިދުމަތްދޭ ޓެކްސީތައް ގަވާއިދުން ސާފުކުރުމާއި، ޑްރައިވަރުގެ އަމިއްލަ ސާފުތާރުކަން އިތުރުކުރުމާއި، ޓެކްސީ ބޭނުންކުރާއިރު ޓެކްސީގައި ގިނައިން އަތް ނުލުމަށް ޚާއްސަ އިސްކަމެއް ދޭންޖެހެއެވެ. އަދި ޓެކްސީގެ ޚިިދުމަތް ހޯދާ ކަސްޓަމަރުންވެސް މިކަމަށް ސަމާލުކަން ދޭންޖެހެއެވެ.