ޚަބަރު

ކޯވިޑުން ރަނގަޅުވެގެން ހޮސްޕިޓަލުން ނިކުތްއިރު 1.1 މިލިއަން ޑޮލަރުގެ ބިލެއް!


ކޯވިޑްގެ ޖެހިގެން އެމެރިކާގައި ފަރުވާދިން 70 އަހަރުގެ މީހެއްގެ ހޮސްޕިޓަލަށް ބިލަށް 1.1 މިލިއަން ޑޮލަރު އަރައިފިއެވެ.

އެމެރިކާގެ ސިއާޓްލްއަށް ނިސްބަތްވާ މައިކަލް ފްލޮރއަށް ކޯވިޑް ޖެހިގެން ފަރުވާ ދިނުމަށް 62 ދުވަސްވަންދެން ހޮސްޕިޓަލްގައި އެޑްމިޓްކުރިއިރު، އޭނާއަކީ ކޯވިޑް ބަލިން ރަނގަޅުވާން އެންމެ ގިނަ ދުވަސް ނެގި މީހާކަމަށް ޚަބަރުތައް ބުނެއެވެ. އޭނާގެ ބިލުތަކަށް 1.1 މިލިއަން ޑޮލަރު އެރިއިރު، އެބިލުގައި 181 ސަފްހާ ހިމެނެއެވެ. އޭގައި ވަރަށް ތަފްސީލްކޮށް މައިކަލްއަށް ކުރަންޖެހުނު ޚަރަދުތައް ކިޔާދީފައިވެއެވެ. އޭގެތެރޭގައި އައިސީޔޫގައި 42 ދުވަހު އޮތުމުން ބިލަށް އެރި 4 ލައްކަ ޑޮލަރާއި، ވެންޓިލޭޓަރު ބޭނުންކުރި 29 ދުވަހަށް 82 ހާސް ޑޮލަރާއި، އަދި އޭނާގެ ހާލު އެންމެ ސީރިއަސްވި 2 ދުވަހަށް ބިލަށް އެރި 2 ލައްކަ ޑޮލަރު ހިމެނެއެވެ.

ހޮސްޕިޓަލް ބިލަށް މިލިއަނެއްހާ ޑޮލަރު އެރިއަސް ފައިސާ ނުދެއްކިދާނެތީ މައިކަލްއަށް މާބޮޑު ހާސްކަމެއް ނެތެވެ. ސަރުކާރުގެ އިންޝުއަރެންސް ޕޮލިސީއެއްކަމަށް "މެޑިކެއަރ" ނަގާފައި އޮތުމުން އޭނާގެ ޙަރަދުތައް އިންޝުއަރެންސުން ކަވަރުކުރާނެއެވެ.

އެމެރިކާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު މިލިއަނަކަށްވުރެ އިތުރުވެފައިވާއިރު، ހޮސްޕިޓަލްތަކާއި އިންޝުއަރެންސް ކުންފުނިތަކަށް އެހީތެރިވުމަށް އެޤައުމުގެ ސަރުކާރުން ވަނީ 100 ބިލިއަން ޑޮލަރުގެ ހަމަޖައްސާފައެވެ. އަދި މިއަދަދު 500 ބިލިއަން ޑޮލަރަށް ބޮޑުކުރުމަށް ބައެއް ފަރާތްތަކުން ދަނީ މަސައްކަތްވެސް ކުރަމުންނެވެ.