ޚަބަރު

ކޯވިޑް-19 : މާލެ ފިޔަވައި އެހެން ރަށްރަށުގައި އަޅާފައިވާ ޚާއްސަ ފިޔަވަޅުތައް އުވާލައިފި


ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ފިޔަވައި އެހެން ރަށްރަށުގައި އަޅާފައިވާ ޚާއްސަ ފިޔަވަޅުތައް އުވާލައިފިއެވެ.

ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ވަނީ ޞިއްޚީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ހުރިހާ ރަށެއްގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުން މިއަދުން ފެށިގެން ބާތިލްކޮށްފައިވާ ކަމަށެވެ.

މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ގިނަ ބަޔަކު އެއްވެ ކުރާ ކަންކަން ކުރުމަށް މިހާރު ރަށްރަށުގައި މަނަލެއް ނުވާނެއެވެ. އެހެންނަމަވެސް މީހުން އެއްވެ އުޅޭ ތަންތަނުގައިވެސް ގައިދުރުކަން ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން ހުއްދަ ނެގުމަކާ ނުލައި މާލެ ފިޔަވައި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުވެސް ކުރެވޭނެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ މިގޮތަށް ނިންމަވާފައިވާއިރު މިއަދުން ފެށިގެން ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިގެނެސް ކޮންމެ ދުވަހެއްގެ ފަތިހު 5 ން ރޭގަނޑު 10 އާ ހަމައަށް ހުއްދައަކާ ނުލައި އެންމެންނަށް ވެސް ބޭރުގައި އުޅެވޭނެގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 2035 މީހުން ޕޮޒިޓްވެފައިވާއިރު މީގެ ތެރެއިން 1311 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ.